ޚަބަރު

މާލޭގައި ހުއްދަ ނެތި ކެމްޕެއިން ޕޯސްޓަރު ހަރުކުރާ ފަރާތްތައް ޖޫރިމަނާ ކުރަނީ


ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މާލޭގައި ހުއްދަ ނެތި ކެމްޕެއިން ޕޯސްޓަރު ހަރުކުރާ ފަރާތްތަކާއި ޕޯސްޓަރު ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެތަކެތި ނުނަގާ ފަރާތްތައް ޖޫރިމަނާކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އަންނަ މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެއްވެސް ފީއަކާ ނުލައި މާލޭގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ ދޭނެކަމަށެވެ. އަދި ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް އޮންނާނެކަމަށެވެ. ނަމަވެސް ހުއްދަ ނެތި ޕޯސްޓަރު ހަރުކޮށްފި ނަމަ ނުވަތަ ޕޯސްޓަރުތައް ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެތަކެތި ނުނަގައިފިނަމަ ޖޫރިމަނާކުރާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މިގޮތުން ހުއްދަ ނުނަގާ ޕޯސްޓަރު ހަރުކުރާ ނަމަ، ކޮންމެ ދުވަހަކަށް އެއްހާހާއި ދެހާސް ރުފިޔާއާ ދެމެދުގެ އަގަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕޯސްޓަރު ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެތަކެތި ނުނަގާ ބަހައްޓާ ކޮންމެ ދުވަހަކަށް ދެހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ޕޯސްޓަރު ހަރުކުރުމުގެ ހުއްދައަށް އެދޭއިރު ކެންޑިޑެސީ ބަލައިގަތް ކަމުގެ ލިޔުމާއި ހަރުކުރާ ޕޯސްޓަރެއްގެ ހާޑް ކޮޕީ ހުށައަޅަން ޖެހޭނެކަމަށެވެ. އަދި އަމިއްލަ އިމާރާތެއްގައި ހަރުކުރާނަމަ އެތަނެއްގެ ވެރި ފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން ދީނާ ގުޅުންހުރި ޕޯސްޓަރެއް ނަމަ، އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އެހެންނަމަވެސް ދައުލަތުގެ އިމާރާތްތަކާއި އެފަދަ ތަންތަނުގެ ފާރުތަކާއި ސަހަރާތަކާއި ޕާކްތަކުގެ އިތުރުން ކަރަންޓް ފޮށިތަކުގައި ޕޯސްޓަރު ހަރު ނުކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މަގުމައްޗަށާއި ވެހިކަލްތަކުގެ ތެރެއަށް ޕޯސްޓަރު އެޅުން ސިޓީ ކައުންސިލުން ވަނީ މަނާކޮށްފައެވެ.

ކެމްޕެއިން ބެނާއެއް ދަމާފައި ހުރިގޮތުން މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމުގެ ޒިންމާ އެ ކެންޑިޑޭޓެއްގެ ފަރާތުން އުފުލަން ޖެހޭނެ ކަމަށާއި މުއްދަތު ހަމަވުމުން އެ ތަކެތި ނަގައި، ސާފު ކުރުމަކީ ވެސް އެ ފަރާތުގެ ޒިންމާއެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.