ބޭންކް
އޮފް މޯލްޑިވްސްއަށް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ފައިދާގެ ގޮތުގައި
ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 31 އިންސައްތަ އިތުރުވެއްޖެއެވެ.
 
ބޭންކް
އޮފް މޯލްޑިވްސް، ބީއެމްއެލްއިން އާއްމުކޮށްފައިވާ މިއަހަރުގެ 2 ކުއާޓަރގެ
މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެބޭންކަށް
ފައިދާގެ ގޮތުގައި 226.5 މިލިއަން ރުފިޔާ
ލިބިފައިވާ އިރު މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ބީއެމްއެލްއަށް ފައިދާގެ
ގޮތުގައި ލިބިފައިވަނީ 173.4 މިލިއަން ރުފިޔާއެވެ.
 
މާލީ
ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 2 ކުއާޓަރގައި ފައިދާގެ ގޮތުގައި  ޓެކްސްއަށް
އުނިކުރުމަށްފަހު 115 މިލިއަން ރުފިޔާ އެބޭންކަށް ވަނީ ލިބިފައި. މިއީ،
މިއަހަރުގެ ފުރަތަމަ ކުއާޓަރއާއި އަޅާބަލާއިރު 4
އިންސައްތައިގެ ކުރިއެރުމެކެވެ.
 
ލޯނު
ޕްރޮޑަކްޓްތަކަށް ބަދަލުގެނެސް އާންމުންނަށް ފަސޭހައިން ލޯނު ލިބޭނެގޮތް ބޭންކުން
ހަމަޖެއްސުމުގެ ނަތީޖާއެއްގެ ގޮތުން،
ދިވެހި ފަރުދުންނަށާއި، ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދުވަނީ
47 އިންސައްތަ އިތުރުވެފައިކަމަށް އެބޭންކުން ބުނެއެވެ.
 
ބީއެމްއެލްގެ
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފައިސާ
ނެގުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށްވެސް އެބޭންކުން ބުނެއެވެ.
 
މިނަތީޖާއާމެދު ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ
ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެފައިވަނީ، މާލީގޮތުން ބޭންކް ހަރުދަނާ
ބިންގަލެއްގެ މަތީގައިި ދެމެހެއްޓިފައިވާކަމާމެދު އުފާކުރާ ކަމަށާއި މިކަމުގެ
ސަބަބުން އިތުރަށް އިންވެސްޓްކުރުމަށާއި ބޭންކު ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެެ
ކަމަށެވެ.