މުނިފޫހިފިލުވުން

7 އަހަރުގެ މެދުކެނޑުމަކަށްފަހު "އެމް.އެފް.އޭ ފިލްމް އެވޯޑް" ބާއްވަން ތައްޔާރުވެއްޖެ


7 އަހަރުގެ މެދުކެނޑުމަކަށްފަހު މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން "އެމް.އެފް.އޭ ފިލްމް އެވޯޑް" ބާއްވަން ތައްޔާރުވެއްޖެއެވެ.

4 ވަނަ އެމް.އެފް.އޭ ފިލްމް އެވޯޑް ބާއްވާނެކަން އިޢުލާންކޮށްފައިވާއިރު، އެވޯޑް ބޭއްވުމަށް އެ އެސޯސިއޭޝަންގެ ފަރާތުން "އޭ.ބީ.ސީ އިވެންޓްސް" އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެކަމަށްޓަކާ ސާރފްވިއު ރާޅުގަނޑު ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފިލްމް އެސޯސިއޭޝަންގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އެސޯސިއޭޝަންގެ ރައީސް ޝިވާޒް ޢަބްދުﷲ އެވެ. އަދި އޭ.ބީ.ސީ އިވެންޓްސްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ސުހާނާއެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން ބުނީ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 3 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހު އެވޯޑް ހަފްލާ ބޭއްވުމަށްކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެމް.އެފް.އޭ ފިލްމް އެވޯޑާއި ގުޅޭގޮތުން މަޢުލޫމާތުދެމުން ފިލްމް އެސޯސިއޭޝަންގެ ބޯޑު މެމްބަރު މުޙައްމަދު މަނިކު ބުނީ 7 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން އެވޯޑް ހަފްލާއެއް ބޭއްވުމަށް ނިންމާފައިވާއިރު، ބޮޑެތި ތަފާތުތަކެއް މިފަހަރުގެ އެވޯޑުން ފެނިގެންދާނެކަމަށް ކަމަށެވެ. އެގޮތުން 2014 އިން 2016 ށް ނެރުނު ފިލްމީ އުފެއްދުންތަކަށް ޚާއްސަކޮށްގެން 7 ކެޓަގަރީއަކުން އަދި 2017 އިން 2018 އަށް 30 ކެޓެގަރީއަކުން ވާދަކުރުމަށް ހުޅުވާލާނެކަމަށް މަނިކު ހާމަކުރިއެވެ.

"މިފަހަރު މި ވިސްނީ ގެއްލުނު އަހަރުތަކާއި އަރާ ހަމަކޮށްގެން މީތި ކުރިއަށްގެންދެވޭނެ ގޮތެއް ހެދޭތޯ. އެގޮތަށް ވިސްނާފަ 14،15، 16 އެއްކޮށްލާފަ ކެޓެގަރީޒް މަދުކޮށްލިޔަސް އެންމެ މުހިއްމު 7 ދާއިރާއަކުންދީފައި 17، 18 އިން 30 ދާއިރާއަކުން އެވޯޑް ދޭން ނިންމީ. ގޯހެއް ނުވާނެ ހަމަގައިމުވެސް. ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްދާނެ. އެކަމު މި ބަލަނީ ވީހާވެސް ފުރިހަމަކޮށް އިވެންޓް ބޭއްވޭތޯ" މުޙައްމަދު މަނިކު ބުނެފައިވެއެވެ.

އޭ.ބީ.ސީ އިވެންޓްސްގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ސުހާނާ ބުނީ، މިފަހަރުގެ އެވޯޑްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކުރުމަށްފަހު ފިލްމް އެވޯޑް ރަސްމީކޮށް ލޯންޗްކުރުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުކަމަށެވެ. އަދި އެވޯޑަށް ޖަޖުން ކަނޑައެޅުމުގެ ކަންކަންވެސް މިހާރު ފައިނަލްވެފައިވާކަމަށާއި، އެކަންކަން ވަރަށް އަވަހަށް މީޑިއާއާއި ހިއްސާކުރާނެކަމަށްވެސް އޭނާ ހާމަކުރިއެވެ.

"އަޅުގަނޑުމެންގެ ފަރާތުން ދޭން ބޭނުންވާ ޔަޤީންކަމަކީ މިފަހަރުގެ އެވޯޑް ހަފްލާ ވަރަށް ތަފާތުވާނެކަން. އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންވާފަދަ ގްލެމަރަސް އިވެންޓަކަށް މި އިވެންޓް ހަދާނަން. ވިސްނުން އެބަހުރި ޕޮޕިއުލަރ އެވޯޑެއް ދޭންވެސް. އެކަމު މީގަ ފޮރުވިފައިހުރި ސަޕްރައިޒްކަންކަން ފަހުން އަޅުގަނޑުމެން ހާމަކުރާނަން" މަރިޔަމް ސުހާނާ ބުނެފައިވެއެވެ.

4 ވަނަ އެމް.އެފް.އޭ ފިލްމް އެވޯޑަށް ކުރިމަތިލުމަށް މިމަހުގެ 3 ވަނަ ދުވަހު ހުޅުވާލުމަށް ނިންމާފައިވާއިރު، އެވޯޑަށް ކުރިމަތިލެވޭނީ އެސޯސިއޭޝަންގެ މެމްބަރުންނަށްކަމަށްވެސް ފިލްމް އެސޯސިއޭޝަނުން ބުނެއެވެ. އަދި އެސޯސިއޭޝަންގެ މެމްބަރަކަށްވުމުގެ ފުރުޞަތު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އާއްމުންނަށްވެސް އޮންނާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.