ޚަބަރު

ވިހި ރަށެއްގެ ސިއްޙީދާއިރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކައުންސިލްތަކާއި ހަވާލުކޮށްފި


ވިހި ރަށެއްގެ ސިއްޙީދާއިރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް އެރަށްރަށުގެ ރަށު ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ.

މިޕްރޮޖެކްޓްތައް ހިންގުން ކައުންސިލްތަކާއި ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ޕްރޮޖެކްޓަތައް ލާމަރުކަޒީކޮށް، ކައުންސިލްތަކާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިގޮތުން މިރަސްމިއްޔާތުގައި ހަވާލު ކުރެވުނު، ޕީއެސްއައިޕީ ހުރިހާ ޕްރޮޖެކްޓްތަކަކީވެސް، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެއް ކަމަށާއި، މިއަދު މިހަވާލު ކުރި މަޝްރޫއުތަކަކީ، ބީއޯކިއު މަސައްކަތްތައް ނިމި، އިއުލާން ކުރުމަށްޓަކައި ވާންޖެހޭ ހުރިހާތައްޔާރީތަކެއްވެ ކުރެހުންތައްވެސް ނިމި މިއަދުވެސް އިއުލާނު ކުރެވޭ ހިސާބުގައި ހުރި މަޝްރޫއުތަކެއް ކަމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ އަމީން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ކައުންސިލްތައް އުފެދި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ހަވާލު ކުރެވި، ކައުންސިލްތަކަށް އެބޭފުޅުންގެ މަސްއޫލިއްޔަތުގެ އަދާކުރުމުގެ ހަޤީޤީ ބާރު، ލިބިގެންދާ ދުވަހެއް ކަމަށެވެ. އަދި ސިއްޙީ ދާއިރާއިން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ، ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުުކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

" މިއަދު އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ކަންކަން ރަނގަޅު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގެ ރަށްރަށުގެ ސިއްޙީ ޚިދުމަތުގެ ވަސީލަތް އިތުރުކޮށް ވަސީލަތުގެ ފެންވަރު ރަނގަޅު ކުރުމަށް. އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ސިއްޙީ ދާއިރާ އަޅުގަނޑުމެންނާިއ ހަމައަށް އައިއިރުވެސް އޮތީ، ވަރަށް ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، އަޅުގަނޑުމެންނަށް އައި ހޭލުންތެރިކަމާއި، ސިއްޙީ ގޮތުން ދުނިޔެ ހޯދާ ކުރިއެރުންތަކާއި، އަދި ދުނިޔޭގެ ދިރިއުޅުން މިއަދު ތަރުތީބުވެފައި ހުރި ގޮތުން މިއަދު ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް، އަމާޒު ހިފޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންވީމާ ހަމައެކަނި މާލެއަށް ސިއްޙީ ޚިދުމަތް ހޯދުމަށް އަންނަންޖެހޭ ޖެހުން ކުޑަކުރެވި، އަތޮޅުތެރޭގައި އެބަޔަކު ދިރިއުޅޭ ސަރަަހައްދުން ޚިދުމަތް ލިބިދެވޭނެ އިންތިޒާމް ހަމަޖެހުމަކީ މިސަރުކާރުގެ އަސާސީ މުހިއްމު އެއް އަމާޒުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަމާޒު ހާސިލްކުރުމަށްޓަކައި މިހާރު، މިހާރު ހުރި ވަސީލަތާއި ސިއްހީ ވަސީލަތުގެ ޖާގައިގެ ދަތިކަމާއި، ވަސީލަތްތައް ނެތުމަކީ ހަޤީޤަތެއް. އެކަން ހައްލު ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެންވެ އެމަސައްކަތް ހައްލުކުރަން މަސައްކަތް ކުރަމުން މިދަނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، އެހައްލު އަންނަ އިރު ރާއްޖޭގެ ރަށްރަށުން ޒަމާނީ ހޮސްޕިޓަލްތައް ފެންނާނެކަމަށާއި، ޒަމާނީ ވަސީލަތް ފެންނާނެކަމަށެވެ. އަދި މަތީފެންވަރުގެ ޚިދުމަތްތެރީންނާއި ބައްދަލުވާނެ ކަމަށާއި އެހިސާބަށް ވާސިލްވުމަކީ ކުރެވޭ މަސައްކަތް އިރާދަކުރެއްވިއްޔާ ހަޤީޤަތަކަށް ވާނެ ކަމަށެވެ. އަދި އޭގެ ރީތި ކުލަތައް މިހާރުވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ، ރަށްރަށުގެ ސިއްޚީމަރުކަޒު ބޮޑުކުރުމުގެ މަސައްކަތްތަކާއި، ވަށާފާރު ރޭނުމުގެ މަސައްކަތްތައް ފަދަ މަސައްކަތްތަކެވެ،