މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެގޮތުން އިނގިރޭސިވިލާތުގައި ހިނގާލުމެއް ބާއްވައިފިއެވެ.
ހިނގާލުމުގައި ސްވިޑެންގެ ޒުވާން މޫސުމާބެހޭ އެކްޓިވިސްޓް ގްރީޓާ ތުންބާރގްވަނީ ބައިވެރިވެ އަޑުއުފުލައިފައެވެ. ހިނގާލުން ކުރިއަށް ގެންދަމުން ތުންބާރގް ބުނީ ދުނިޔޭގައިވަނީ އަލިފާން ރޯވެފައިކަމަށެވެ. އެހެންކަމުން މޫސުމާބެހޭ ބޮޑު ކާރިޘާއެއްގެ ތުންފަތްމައްޗަށް ދުނިޔެ ގޮސްފައިވާކަމަށް އޭނާ ބުންޏެވެ. އަދުގެ ޖީލުގެ ޒުވާނުން ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާކަމަށް ބުނެ ތުންބާރގްވަނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ވެރިންނަށާއި ނޫސްވެރިންނަށް ފާޑުކިޔައިފައިވެއެވެ. ތުންބާރގް ބުނެފައިވަނީ އޭނާގެ ބައިވެރިން ހިމޭނުން ނުތިބޭނެކަމަށެވެ. ބަޔަކު ރުހުނަސް ނުރުހުނަސް ބަދަލުތަކެއް އަންނަމުންދާކަމަށާއި އެބަދަލުތައް ގެނައުމުގެ އެންމެ ކުރީގައި ތިބީ އެމީހުންކަމަށް ތުންބާރގްވަނީ ބުނެފައެވެ. ދުނިޔޭގައި ބޮޑު ކާރިޘާއެއް ހިނގަމުންދާކަމަށާއި ނަމަވެސް ސިޔާސީ ވެރިންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުން އެކަމާ އަޅާނުލާ ތިބެނީކަމަށް ތުންބާރގްވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ ބްރިސްޓަލްގައި ބޭއްވި ހިނގާލުމުގައި ބައިވެރިވުމަށާއި ތުންބާރގްގެ ވާހަކަ އަޑުއެހުމަށް އެތައް ހާސް ބަޔަކުވަނީ އެރަށަށް ޖަމާވެފައެވެ. ޢުމުރުން އެންމެ 17 އަހަރުގެ ތުންބާރގް މީގެ ދެއަހަރު ކުރިން ދުނިޔޭގެ ސަމާލުކަމަށް އައީ މޫސުމާބެހޭ މައްސަލަތަކުގެ އަޑުއުފުލަން ސްވިޑެންގެ ޤާނޫނުހަދާ މަޖްލިސް ބާއްވާ އިމާރާތުގެ ކުރިމައްޗަށް އެއްވާ މީހުންނާއެކު އިހުތިޖާޖުކުރަން ފެށުމުންނެވެ.