ކުޅިވަރު

ފީފާއިން ރާވާ މެޗުތައް ފަސްކުރަންޖެހިދާނެ: އިންފަންޓީނޯ


ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ގެ ސަބަބުން ފީފާއިން ރާވާ މެޗުތައް ވެސް ފަސް ކުރަންޖެހިދާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ފީފާގެ ރައީސް ޖިއާނޯ އިންފަންޓީނޯ މިހެން ބުނީ ކޮރޯނާ ވައިރަހުގެ ސަބަބުން ސްކޮޓްލޭންޑާއި އިޓަލީގެ އިތުރުން އެނޫން ގައުމުތަކުން ވެސް ފުޓްބޯޅައިގެ ހަރަކާތްތައް މަޑުޖައްސާން ޖެހިފައިވަނިކޮށެވެ.

އަދި މާޗު މަހު ފީފާ ވޯލްޑް ކަޕް ކޮލިފައިން އާއި ޔޫރޯ ކޮލިފައިންގެ އިތުރުން އޮލިމްޕިކް ގޭމްސްގެ ކޮލިފައިންގައި ވެސް ގައުމީ ޓީމުތައް ވާދަކުރަންޖެހިފައިވަނިކޮށެވެ.

އިންފަންޓީނޯ ވިދާޅުވީ، އެންމެ މުހިންމު ކަމަކީ އިންސާނުންގެ ސިއްހަތު ކަމަށާއި މިހެންވެ މެޗުތައް ފަސްކުރަންޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށެވެ.

"އަހަރުމެން އުއްމީދުކުރަނީ ޝެޑިއުލްއާ އެއްގޮތަށް ކަންކަންދާނެ ކަމަށް. އެކަމަކު މެޗުތައް ފަސްކުރަންޖެހިއްޖެނަމަ އެކަން ކުރަން ފަހެއް ނުޖެހޭނަން،" އިންފަންޓީނޯ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ގިނަ މެޗުތަކެއް ހުއްޓާލަން ޖެހޭތީވެ އޭއެފްސީން ވަނީ މިހާރު ކުއްލި މީޓިންއަކަށް ގޮވާލައިފަ އެވެ.

އަދި މީގެ އިތުރުން ފީފާ ވަރލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަހު (ކޮވިޑް 19)ގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް ރަސްމީކޮށް މިހާރު ވަނީ ނިންމައިފި އެވެ.