ޚަބަރު

ޕެންޝަން ހައުސިންގ ސްކީމަށް 600 މީހުން ޝަރުތުހަމަވޭ

ޕެންޝަން
ފަންޑުގައި ފައިސާ ރައްކާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގެދޮރުގަތުމުގެ މަގު
ފަހިކޮށްދިނުމަށް ފެށުމަށް ހަމަޖެހިަފއިވާ ހައުސިންގ ސްކީމަށް ހަސަތޭކަ މީހުން ޝަރުތުހަމަވާކަމަށް
ޕެންޝަނާބެހޭ އޮފީހުން ބުނެފިއެވެ.



ޕެންޝަން
އެޑްމިނިސްޓްރޭޓިވް އޮފީހުގެ ސީއީއޯ މުޙައްމަދު މަނިކު ވިދާޅުވީ ޕެންޝަން
ހައުސިންގ ފަންޑު ބައްޓަން ކުރެވިފައިވަނީ ޕެންޝަން ފަންޑުގައި މެމްބަރުންގެ
ގޮތުގައި ވަކި އަދަދެއް ރައްކާކޮށްފައި ހުރި ފަރާތްތަކަށްކަމަށެވެ. އަދި މި ފައިސާ
ގެދޮރު އިމާރާތްކުރުމަށް ދޫނުކުރެވޭނެކަމަށާއި ދޫކުރާނީ ހަމައެކަނި ނިމިފައިހުރި
އިމާރާތެއް ގަތުމަށްކަމަށް މަނިކު ވިދާޅުވިއެވެ.



ޕެންޝަނާބެހޭ
އޮފީހުން ބުނީ މިހާރު ބާޒާރުގައި އަގުތައް ހުރި ގޮތުން ދެމިލިއަން ރުފިޔާގެ ގެއެއް
ގަންނަން ހަސަތޭކަ މީހުން ޝަރުތުހަމަވާކަމަށެވެ. އެއީ ހަތަރުލައްކަ ރުފިޔާ
ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނަމައެވެ.



ޕެންޝަނާބެހޭ
އޮފީހުގެ ސީއީއޯ ވިދާޅުވީ ހައުސިންގ ސްކީމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން
އުމުރުން ހަގު މީހުންނަށް އިސްކަންދެވޭނެކަމަށެވެ. މި ސްކީމް ކުރިއަށް ގެންދަން ވިސްނާފައިވަނީ ޕެންޝަން ފަންޑުގައި ހުރި އެ
މުވައްޒަފެއްގެ ފައިސާ ރަހުނުގެ ގޮތުގައި ބަހައްޓައިގެން ބޭންކްތައް މެދުވެރިކޮށް
ފައިސާ ދައްކާގޮތަށް ކަމަށް މަނިކު
ވިދާޅުވިއެވެ.



މިއަހަރުގެ
ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރު މަހު ތެރޭގައި މި ސްކީމް ތަޢާރަފްކުރުމަށް
މަސައްކަތްކުރަމުން އަންނަކަމަށް ޕެންޝަނާބެހޭ އޮފީހުން ބުނެއެވެ. ޕެންޝަން ފަންޑަށް
ޤަވާއިދުން ފައިސާ ދައްކާ މެމްބަރުންގެ އަދަދު އަށްޑިހަ ހާހަށްވުރެގިނައެވެ. އަދި
މަހެއްގެ މައްޗަށް ހަތްދިހަ މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދަކަށް ޕެންޝަންގެ
ގޮތުގައި ފައިސާ ޖަމާވެގެންދެއެވެ.