ޚަބަރު

ލަންދޫގެ ލެބޯޓަރީއަކީ މޯބައިލް ލެބޯޓަރީގެ ހަބަކަށް ހަދާނަން - އަމީން


ނ.ލަންދޫގެ ލެބޯޓަރީގައި ބްލަޑް ބޭންކް ޤާއިމްކޮށް "މޯބައިލް ލެބޯޓްރީގެ ހަބަކަށް ހަދާނެކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ލަންދޫގެ ސިއްޙީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ނ.އަތޮޅުގައި ތެލަސީމިޔާއަށް ފަރުވާ ހޯދަމުންދާ ކުދިންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ކުރިއަށް އޮތްތަނުގައި ލަންދޫގެ ލެބޯޓްރީގައި ބްލަޑްބޭންކެއް ޤާއިމްކުރާނެކަމަށެވެ. އަދި މިއާއެކު ލަންދޫ ސިއްޙީ މަރުކަޒުގެ ޢިމާރަތަށް ބަދަލު ގެނެސް އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަމީން ވަނީ ލަންދޫ ސިއްޙީ މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެންމެ ރަނގަޅު ޚިދުމަތް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ލެބޯޓަރީގެ ޚިދުމަތަކީ ކޮންމެ ރަށެއްގެ ސިއްޙީ މަރުކަޒުން ލިބެންޖެހޭ ޚިދުމަތެއްކަން ފާހަގަކުރައްވާ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

"ލަންދޫގައި ލެބޯޓަރީގެ ޚިދުމަތް ތަޢާރަފްވެގެން ދިޔުމަކީ ތެލެސީމިއާ ކުދިންގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް. މީގެ އިތުރުން މޯބައިލް ލެބޯޓްރީގެ ޚިދުމަތް ކައިރީގައިވާ މާފަރު އަދި މާޅެންދޫ ސިއްޙީ މަރުކަޒުން ހޯދާނެ، ނަތީޖާއަށްވެގެންދާނީ ކައިރި މުސްތަޤްބަލެއްގައި މި ލެބޯޓްރީއަށް އިތުރު މެޝިނާއި ކުރެވޭ ޓެސްޓްތައް އިތުރުވުން." މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

"މޯބައިން ލެބޯޓްރީ ސަރވިސް"ގެ ޚިދުމަތަކީ ލެބޯޓްރީ ނެތް ހުރިހާ ރަށަކުންވެސް ސާމްޕަލް ނަގައި، ލެބޯޓްރީ ޚިދުމަތްދޭ ރަށްތަކަށް ގެންގޮސް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސައިދޭ ޚިދުމަތެކެވެ.

"މޯބައިލް ލެބޯޓްރީ ސަރވިސް"އަކީ ސަރުކާރުގެ ސިއްޙީ ވަަަޢުދުތެރޭގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޚިދުމަތެކެވެ. މިޕްރޮގްރާމްގެދަށުން ލެބޯޓްރީގެ ޚިދުމަތް އެންމެ ފުރަތަމަ ގުޅާލާފައި މިވަނީ ލ.އަތޮޅުގެ ރަށްތަކުގައެވެ.

ލަންދޫގެ ލެބޯޓްރީގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށްފަހު މިނިސްޓަރ އަމީން ވަނީ އެތަން ބައްލަވާލައްވާފައެވެ. އެގޮތުން ލެބޯޓްރީގައި ޤާއިމުކޮށްފައިވާ މެޝިނަރީޒްތަކާއި، އެތަނުން ހެދެންހުރި ޓެސްޓުތަކުގެ މަޢުލޫމާތު މިނިސްޓަރ ވަނީ އޮޅުންފިލުއްވާފައެވެ.

މިލެބޯޓްރީން ބްލަޑް ކައުންޓް ޓެސްޓާއި، ބަޔޯ-ކެމިސްޓްރީ އެނަލައިޒަރގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބްލަޑް ޓްރާންސްފިއުޝަން ހެދުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ލަންދޫއަކީ ގާތްގަނޑަކަށް 1100 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓްރީގެ ޚިދުމަތް ހޯދަމުން އައީ ނ. އަތޮޅު ހޮސްޕިޓަލުންނެވެ. މީގެއިތުރުން ލަންދޫގައި ތެލަސީމިޔާ ބައްޔަށް ގަވާއިދުން ބްލަޑް ޓްރާންސްފިއުޝަން ހަދަމުންދާ 4 ކުދިން ދިރިއުޅެއެވެ. ލެބޯޓްރީގެ ސަބަބުން މިކުދިންގެ ފަރުވާއަށް ލުއިފަސޭހަ ވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ލަންދޫގެ އިތުރުން އެއަތޮޅު މާޅެންދޫގައިވެސް ތެލަސީމިޔާ ބައްޔަށް ގަވާއިދުން ފަރުވާ ހޯދާ 3 ކުދިން އަދި މާފަރުގައި މިބައްޔަށް ގަވާއިދުން ފަރުވާ ހޯދަމުންދާ 4 ކުދިން ތިބެއެވެ. ލަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށިގެން ދިއުމާއެކު މީގެކުރިން މިކުދިން ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދައަށް ވަރަށް ބޮޑުލުޔެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ނ. އަތޮޅުގައި މިހާރު ލެބޯޓްރީގެ ޚިދުމަތް ލިބެނީ ނ. އަތޮޅު ހޮސްޕިޓަލާއި ނ. ވެލިދޫ ޞިއްޙީ މަރުކަޒާއި، ނ.ކެނދިކުޅުދޫ ޞިއްޙީމަރުކަޒާއި ހޮޅުދޫ ޞިއްޙީމަރުކަޒުންނެވެ.