ޚަބަރު

ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވައިފި


ފުލުހުން ބަލަމުންދާ މައްސަލަތަކަކާގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރައްވައިފިއެވެ.

ކުރީގެ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރީ މިއަދު މެންދުރު ފަހު 14.00 ގައި އެވެ. ފުލުސް އޮފީހުގައި އެމަނިކުފާނު 3 ގަޑިއިރު ހޭދަކުރެއްވި އެވެ. ރައީސް ޔާމިންގެ ގާނޫނީ ޓީމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން ރައީސް ޔާމިނާއި އައު ކަމަކާ ގުޅޭ ގޮތުން ސުވާލު ނުކުރައްވާ ކަމަށެވެ. ތަކުރާރުކޮށް ނޫސްވެރިން ސުވާލު ދެންނެވުމުންވެސް ރައީސް ޔާމީނާއި ސުވާލު ކުރެއްވީ ކޮންކަމަކާއި ގުޅޭ ގޮތުން ކަމަކަށް ޤާނޫނީ ޓީމުން ވިދާޅެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ އެސްއޯއެފްގެ އެކައުންޓުން އެއްމިލިޔަން ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރުމުން އޭގެން މަންފާހޯއްދެވި ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އަދި އެ ކުށުކުގެ އަދަބެއްގެ ގޮތުން 5 މިލިޔަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރައްވާފައިވެއެވެ.

ދަށުކޯޓުގެ ޙުކުމް ބާޠިލް ކުރުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށައެޅުއްވި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ވަނީ ފަށާފައެވެ. އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވިއެވެ.

އެހެން ނަމަވެސް ހައިކޯޓުން ނިންމަވާފައި ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށާއި އަދި އެނިންމުން މުރާޖައާކުރަންޖެހޭ ސަބަބެއް ވެސް ނެތްކަމަށެވެ. މިމައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނީ މާރިޗު މަހުގެ 3 ވަނަ ދުވަހުގައެވެ.