ތިން އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީޒްތަކުގެ ތެރޭގައި ހިމަނައިގެން 55 އެނދުގެ އައު ހޮސްޕިޓަލްތައް އެޅުމަށް ނިންމައިފިއެވެ.
މާގިރި ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލާއި، އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލާއި، ކުޑަހުވަދޫގައި ހުންނަ ދ އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީސްތައް ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ އަމީނެވެ.
މިރަސްމިއްޔާތުގައި މިހާރު އެތިން އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ހިންގުމުގައި މިވަގުތު ހަވާލުވެ ތިއްބެވި މެނޭޖަރުންވެސް ވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ.
އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީޒްތަކުގައި ހިމެނިގެން މުޅިން އައު ހޮސްޕިޓަލްތައް އިމާރާތްކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފްކުރާނެކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މި ތިން ހޮސްޕިޓަލްވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މި ހޮސްޕިޓަލްތައް ޤާއިމްކޮށް ނިމޭއިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނިގެންދާނެ ކަމަށާއި، އަދި މީގެ އިތުރުން ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދޭނެ އިންތިޒާމްތައްވެސް ހުންނާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ ސިއްޙީ ޚިދުމަތަށް އަންނަ މިކުރިއެރުމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ފެންވަރު ރަނގަޅު ޒަމާނީ ފަރުވާ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމަށެވެ. އަދި ސިއްޙީޚިދުމަތް ފޯރުކޮށް ދިނުމުގައި އާބާދީއަށް އެކަނި ވިސްނައިގެން ކަންކަން ކުރެވެން ނެތްކަމުގައި މިނިސްޓަރ ޢަބުދުﷲ އަމީން ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިިބިނާ ކުރެވޭ ސިއްޙީ ޚިދުމަތްދޭ ތަންތަނުން، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަސޭހަކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ އަމާޒު. ޚިދުމަތް ފޯރުކޮށް ދިނުމުގައި އާބާދި އާއި އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން އަަޅުގަނޑުމެންގެ އެބަހުރި. އެހެން ނަމަވެސް މިއަދު އާބާދީއަށް އެކަނި ވިސްނައިގެން ކަންކަން ކުރެވޭކަށް ނެތް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، މިތިން ހޮސްޕިޓަލްގެ މަސައްކަތުގެ އިތުރުންވެސް ރާއްޖޭގެ ސިއްޙީ ދާއިރާގައި އަލަށް ޤާއިމް ކުރެވޭ ހެލްތު ފެސިލިޓީތަކާއި ގުޅޭ މައުލޫމާތު އަންނަ މަހުގެ ތެރޭގައި ހާމަކުރުމަށް ހެލްތު މިނިސްްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ.
އަދި ދިއްދޫ އާއި އޭދަފުށި އަދި ކުޑަހުވަދޫ ހިމެނެނީ ފަތުރުވެރިކަން ތަރައްޤީވެފައިވާ ސަރަހައްދުތަކެއްގައި ކަމަށްވާއިރު، ފަތުރުވެރިންނަށާއި ދިވެހީންނަށްވެސް އެއްފެންވަރެއްގަިއ ކުރިއަރާފައިވާ ޒަމާނީ ސިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ގިނަ ގޮންޖެހުންތައް ހައްލުކުރުމާއި އެފަދަ މައްސަލަތައް ދެނެގަނެ އެކަންކަމަށް ދާއިމީ ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އަތޮޅުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު ޚިދުމަތް ދިނުމަށް ބޭނުން ކުރަމުން ގެންދާ އިމާރާތްތަކުގެ ޖާގައިގެ ދަތިކަން ކަމުގައިވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ.
ހއ އަތޮޅާއި ބ އަތޮޅު އަދި ދ އަތޮޅުގެ އަތޮޅު ހޮސްޕިޓަލްތައް އަލުން އިމާރާތް ކުރުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. އަދި މި މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް މިހާރުވަނީ އިއުލާނުވެސް ކޮށްފައެވެ.