ވިޔަފާރި

އެސްޓީއޯއަށް ތެޔޮ ޓޭންކަރެއް ގަންނަން އިޢުލާންކޮށްފި


އެސްޓީއޯއަށް ތެޔޮ ޓޭންކަރެއް ގަންނަން އިޢުލާންކޮށްފިއެވެ.

އެސްޓީއޯއަށް އިތުރު ތެޔޮ ޓޭންކަރެއް ގަންނަން އިޢުލާންކޮށްފައިވާއިރު، ޓެންކަރު ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ 2 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އެސްޓީއޯއިން މިހާރު ވަނީ ހުޅުވާލާފައެވެ.

އެސްޓީއޯއިން ބުނީ ބީލަމުގައި ބައިވެރިވެވޭނީ އުޅަނދުތަކުގެ ވެރިފަރާތްތަކާއި ބްރޯކަރުންނަށްކަމަށެވެ. އަދި ބްރޯކަރެއްނަމަ މީގެ ކުރިން 10 ހާސް ޓަނަށްވުރެ މަތީގެ 3 ބޯޓެއް ވިއްކާފައިވާކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ނެރެފައިވާ އިއުލާނުގައިވާ ޓެންކަރުގައި ހުންނަންޖެހޭ ޝަރުތުތައްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޝަރުތުތަކުގެ ތެރޭގައި ކްލީން ޕެޓްރޯލިއަމްއަށް ޚާއްސަ އުޅަނދަކަށްވުމާއި، 29 ހާސް ކިއުބިކް މީޓަރާއި 36 ހާސް ކިއުބިކް މީޓަރުގެ ތެޔޮ އުފުލޭ އުޅަނދަކަށް ވާންޖެހޭކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އަންނަމަހުގެ 2 ވަނަ ދުވަހު ބީލަމުގައި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓްރީކޮށްފައިވާ ފަރާތްކަށް 3 މާޗުގައި ބީލަމުގައި ބައިވެރިވުމާ ގުޅޭ ލިޔެކިޔުންތައް ފޯރުކޮށްދޭނެކަމަށެވެ. އަދި ބީލަން ހުށަހެޅުމުގެ މުއްދަތު 12 މާޗުގެ ނިޔަލަށް ހުޅުވާލާފައި ބާއްވާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އިތުރު ތެޔޮ ޓޭންކަރެއް ގަތުމުގެ މަސައްކަތް ފަށާފައިވާއިރު، 2018 ވަނަ އަހަރު އެކުންފުނިން ވަނީ 25 ހާސް ޓަނުގެ ޓޭންކަރެއް ގެނެސްފައެވެ. އެސްޓީއޯއިން ތެލުގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ފަށާފައިވާއިރު، އަވަށްޓެރި ޤައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރުމުގެ މަސައްކަތް ފެށުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. އެގޮތުން ވަރަށް އަވަހަށް ސްރީލަންކާއަށް ތެޔޮ ވިއްކުމުގެ މަސައްކަތް ފަށާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.