މަޝްހޫރު އެޕަލް ކުންފުނީގެ ރަސްމީ ފިހާރައެއް ނުވަތަ އެޕް ސްޓޯރއެއް އަންނަ އަހަރު އިންޑިއާގައި ހުޅުވުމަށް ނިންމައިފިއެވެ.
އިންޑިއާގައި އެޕް ސްޓޯރއެއް ހުޅުވާނެކަން އެޕަލްހެ ޗީފް އެގްޒެކެޓިވް ޓިމް ކުކް އިޢުލާންކޮށްފައިވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ އަހަރީ ބައްދަލުވުމުގައެވެ.
ދުނިޔޭގެ 2 ވަނައަށް އެންމެ ބޮޑު ސްމާޓް ފޯން މާކެޓް، އިންޑިއާގައި އެޕަލްގެ ފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވިޔަސް، މިއީ މިކަން ކުރާނެ ސީދާ ތާރީހެއް އެޕަލްއިން އިއުލާންކުރި ފުރަތަމަ ފަހަރެވެ.
އެޕަލްގެ ހިއްސާދާރުންގެ އަހަރީ ބައްދަލުވުމުގައި ކުންފުނީގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް ވިދާޅުވީ އެޕަލްގެ ރަސްމީ ފިހާރަ އަންނަ އަހަރު އިންޑިއާގައި ހުޅުވަން ނިންމާފައިވާއިރު، އިންޑިއާއަށް ހާއްސަކޮށް އެޕަލްގެ އޮންލައިން ފިހާރައެއް މިއަހަރުގެ ފަހުކޮޅު ހުޅުވާނެކަމަށެވެ.
އިންޑިއާގައި އެކި ބްރޭންޑްތަކުގެ ފިހާރަ ހުޅުވުމާއި ގުޅޭ ޤަވައިދުތަކަށް 2018 ގައި ގެނެވުނު ބަދަލާއި ގުޅިގެން އެޤައުމުގައި އެއްވެސް ބަޔަކަށް އިންޑިއާ ކުންފުންޏަކާ ނުގުޅި ނުހުޅުވޭނެއެވެ. އެހެންކަމުން އިންޑިއާގެ ޕާޓްނަރަކާއި ނުލާ މިކަންކުރުމަށް އެޕަލްއިން އިންޑިއާ ސަރުކާރުން ހާއްސަ ހުއްދައެއް ނަގަންޖެހެއެވެ.
މިހާތަނަށް އެޕަލްގެ އުފެއްދުންތައް އިންޑިއާގައި ވިއްކަމުން ދިޔައީ ތާޑްޕާޓީ ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ. އެހެންކަމުން އެކުންފުނީގެ ވިޔަފާރި، ސެމްސަންގ އަދި ވާވޭ ފަދަ ކުންފުނިތަކަށް ވުރެ އުޅެނީ ދަށުގައެވެ.
އެޕަލްގެ ފިހާރައެއް އިންޑިއާގައި ހުޅުވަން އިޢުލާންކޮށްފައިވާ މި ދަނޑިވަޅަކީ އެކުންފުނީގެ އުފެއްދުންތައް އެންމެ ގިނައިން ވިކޭ ޗައިނާގައި އޮތް ޑިމާންޑު މިދިޔަ އަހަރުތަކުގެ ތެރޭގައި ދަށްވަމުން ދަނިކޮށެވެ. އެޕަލް ކުންފުނިން އުންމީދުކުރަމުންދަނީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރުމެވެ.
އެޕަލްގެ ހިއްސާދާރުންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަސްގެ ސަބަބުން އެޕަލްކުންފުނީގެ އޮޕަރޭޝަންތަކަށް ކުރަމުންދާ އަސަރާބެހޭ ގޮތުންވެސް މަޝްވަރާކޮށްފައެވެ. އަދި ކުންފުންޏަށް ލިބެމުންދާ ގެއްލުމުން އަރައިގަނެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
އެޕަލްގެ ގިނަ ޕްރޮޑަކްޓްތައް އުފެއްދުމށް ބޭނުންވާ ތަކެތި އުފައްދާ ކާރުހާނާތައް ހުންނަނީ ޗައިނާގައި ކަމަށްވާއިރު، ޗައިނާއަކީ އެޕަލްގެ އެންމެ ބޮޑު އެއް މާކެޓްވެސްމެވެ. ކޮރޯނާގެ ސަބަބުން ޗައިނާގައި އެޕަލްގެ ވިޔަފާރިއަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއަޓާރގެ ފައިދާވެސް ކުރިން ލަފާކުރި ވަރަށްވުރެ ދަށަށް ދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.