ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހުބެއި ޕްރޮވިންސްގައި ވުހާންގައި ބާކީ ތިބި 2 ދިވެހިން މިއަދު އިންޑިއާއަށް ގެނެސް ކަރަންޓީންކޮށްފިއެވެ.
ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވިދާޅުވީ، ވުހާންގައި ތިބި ދިވެހިން އިންޑިއާގެ ދިއްލީއަށް ގެނެސްފައި ވަނީ މިއަދު ކަމަށާއި، އެމީހުން މިހާރު ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީންކޮށްފައި ބައިތިއްބާނެކަމުގައި ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ވުހާންގައި ތިބި މި ދެދިވެހިން ދިއްލީއަށް ގެނެސްފައި ވަނީ އިންޑިއާގެ 76 ރައްޔިތުންނާއި އަދި، އެހެންޤައުމުތަކަށް ނިސްބަތްވާ، 23 މީހުންނާއި އެކު، އިންޑިއާގެ އަސްކަރިއްޔާއިން އެކަމަށް ޚާއްސަކޮށްފައިވާ މަތިންދާ ބޯޓެއްގައެވެ.
ވައިރަސް ފެތުރެންފެށި އިރު ވުހާންގައި ތިބި 9 ދިވެހިންގެ ތެރެއިން 7 ދިވެހިން ވުހާންއިން ނެރެހެން އިންޑިއާއަށް ގެނެސް ކަރަންޓީންކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި ކަރަންޓީންގެ މުއްދަތު ހަމަވުމުންނާއި އެމީހުންގެ ކިބައިން ވައިރަހުގެ އަސަރު ފެނިފައި ނުވާތީ އެމީހުން މހާރު ވަނީ މާލެ އައިސްފައެވެ.
މީގެ އިތުރުން ޖަޕާނުގައި މިހާރު ބަނދަރުކޮށްފައިވާ ވައިރަސް ފެނުނު، ޕަސެންޖަރ ލައިން، ޑައިމަންޑް ޕްރިންސަސްގައި ތިބި، އިންޑިއާގެ 119 ރައްޔިތުންނާއި، ސްރލަންކާގެ މީހަކާއި، ޕެރޫގެ މީހަކާއި، ދެކުނު އެފްރިކާގެ މީހަކު އެއާ އިންޑިއާގެ ޚާއްސަ ފްލައިޓެއްގައި ދިއްލީއަށް ގެނެސް މަނޭސާރު ކަރަންޓީން ފެސިޓީޒްގައި ކަރަންޓީންކޮށްފައި ވާކަމުގައިވެސް އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ޗައިނާ އާއި ޖަޕާނުން ގެނައި އެންމެންވެސް މިހާރު ވަނީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައި ކަމުގައި، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާޒުން ވަނީ ހާމަކޮށްފައެވެ.