ޚަބަރު

ފިލްމީ ފަންނާނުންނަށް ކުރިއަށްގެންދިޔަ "އެކްޓިންގ ވޯކްޝޮޕް" ނިންމާލައިފި


40 ބައިވެރިންނާއިއެކު އިންޑިއާގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާ އާއި، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ "އެކްޓިންގް ވޯކްޝޮޕް" ނިންމާލައިފިއެވެ.

މިއީ 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

60އަހަރަށްވުރެ ދިގު މުއްދަތަށް އިންޑިއާގައި ފިލްމީ ދާއިރާ އާއި ގުޅޭ ތަމްރީންތައް ދެމުން އަންނަ އިންޑިއާގެ ނޭޝަނަލް ސްކޫލްއޮފް އެކްޓިންގްއާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ހިންގި އެކްޓިންގ ވޯކްޝޮޕަކީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. މި ވޯކްޝޮޕްގައި ފިލްމްތަކާއި، އަދި ސްޓޭޖް ޑްރާމާތައް ހުށައެޅުމުގެ ހުނަރު ދަސްކޮށްދީފައިވެއެވެ.

ވޯކްޝޮޕާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިންޑިއާގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާގެ ފެސިލިޓޭޓަރ ޑރ.އަބިލޭޝް ޕިއްލޭ ވަނީ ދިވެހިންގެ ހުނަރުވެރިކަމަށް ތަޢުރީފް ކުރައްވާފައެވެ. އެގޮތުން ދާއިރާއާއި ގުޅޭ މަޢުލޫމާތާއި ހުނަރުތައް މިހާރުވެސް ވަރަށް ބޮޑަށް އިންގޭކަން ފާހަގަކޮށްފައިވެއެވެ. އަދި ޒުވާނުން މި ދާއިރާގައި ގިނަކަން އަބިލޭޝް ޕިއްލޭ ފާހަގަކުރެއްވިއެވެ.

"ފުރުސަތަށް ހުޅުވާލުމުން ފާހަގަވި މިފަދަ ޕްރޮގްރާމަކަށް ބޭނުންވެފައިވާވަރު. ރާއްޖޭގައި އަޅުގަނޑުމެންގެ ޕަރފޯމަންސް ޑިޕަރޓްމަންޓެއް ހެދުމަށްވެސް ވިސްނަން. އަދި އިންޑިއާގެ އަޅުގަނޑުމެންގެ އިންސްޓިޓިއުޓްގައިވެސް އަރޓްސްގެ ދާއިރާއިން މުހިންމު ގިނަ ފުރުސަތުތަކެއްވަނީ ފަހިކޮށްދީފައި." އަބިލޭޝް ޕިއްލޭ ވިދާޅުވިއެވެ..

އެކްޓިންގ ވޯކްޝޮޕްގެ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއެވެ. ސަންޖޭ ސުދީރް ވަނީ ރާއްޖެއާއި އިންޑިއާ އާއި ސަޤާފީގޮތުން އެއްގޮތްކަންކަން ހުރިކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޕާފޯމިންގ އާޓުގެ ދާއިރާގައި ދެޤައުމުގެ އެއްގޮތްކަން ސަންޖޭ ސުދީރް ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގައި ތިބީ ހުނަރުވެރި ބައެއް. އީދުފަދަ މުނާސަބަރުތަކުގައި މިކަން ފެނިގެންދޭ. އެންޓަޓެއިންމަންޓް ދާއިރާއަށް ވަރަށް ޝައުގު ހުންނަ ބައެއް. ބޭނުންވަނީ މި ހުނަރުތައް އިތުރަށް ތަރައްޤީކުރެވޭނި ގޮތެއް." ސަފީރު ވިދާޅުވިއެވެ..

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްއިން މީގެ ކުރިންވެސް ވަނީ ބޭރުގޭ ޤައުމުތަކާއި ގުޅިގެން ދިވެހިންނަށް އެކި އެކި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ. ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހު ވިދާޅުވީ އެމްއެމްއައިއާއި ގުޅިގެން ރާއްޖެއަށް މިފަދަ ޕްރޮގްރާމްތައް ގެނައުމުގައި އަބަދުވެސް މަރުޙަބާ ކިޔާކަމަށެވެ.

"ބޭނުންވަނީ އެމްއެމްއައިއަކީ މި ދާއިރާއަށް ތަމްރީން ލިބިފަތިބި މޮޅެތި މީހުން ނެރޭ ތަނަކަށް ހެދުމަށް. އަބަދުވެސް ފުރުސަތު ހުޅުވިފައިވަނީ މިފަދަ ޕްރޮގްރާމް އެމްއެމްއައިއާއި ގުޅިގެން ކުރިއަށްގެންދަން." ޖިނާހް ވިދާޅުވިއެވެ.

މިމަހުގެ 22ގައި ފެށި މި ޕްރޮގްރާމްގައި އިންޑިއާގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ތަޖުރިބާކާރު 3 ޕްރޮފެސަރުން ތަމްރީންދީފައި ވެއެވެ.

5ދުވަހަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 40ވުރެ ގިނަ ފަންނާނުން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ރާއްޖޭގެ ތަޖުރިބާކާރު ފަންނާނުންނާއި އަލަށް މިދާއިރާއަށް ނުކުންނަ ފަރާތްތައްވެސް ހިމެނެއެވެ. މި ޕްރޮގްރާމްގައި ރާއްޖެއިން ބޭރުގެ ފަންނަނުންވެސް ތަމްރީން ހޯދާފައިވެއެވެ..