ޚަބަރު

ކައުންސިލް އިންތިޚާބަށް ޤައުމު ތައްޔާރު މިވަނީ އުފަލާއި އެކު: އިމްރާން


ލާމަރުކަޒީ ނިޒާމަށް ގެނައި އިންޤިލާބީ ބަދަލުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބަށް ޤައުމު ތައްޔާރުމިވަނީ އެ ނިޒާމުގެ ޙަޤީޤީ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުވައިދިނުމުގެ އުފަލާއެކު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރަސްމީ ސިފައެއްގައި ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ މިއަދު 10 އަހަރު ފުރުމާއި ގުޅިގެން ދެއްވި ޚިތާބެއްގައި އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލަކުން ހިންގާތާ ދިހަ އަހަރު ފުރުން މިއަދު ފާހަގަކުރަމުން މި ދަނީ، މި ނިޒާމުގެ ޙަޤީޤި ކުލަ ރައްޔިތުންނަށް ތަޖުރިބާކުރުމުގެ އުފާވެރި ފުރުޞަތުތައް ފަހިކުރަމުން ކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމުގެ މަޤްޞަދުގައި ގެނައި އިސްލާޙާއިއެކު، މާލީ ކަންކަމުގައި ކައުންސިލްތަކަށް އޮތް އިޚުތިޔާރު މަރުކަޒީ ބާރުތަކަށް ބަރޯސާވެފައި އޮތް އޮތުން ވަނީ ނިމުމަކަށް އައިސްފައި ކަމަށެވެ.

މިއާއެކު، ކައުންސިލްތަކުގެ އިޚްތިޞާޞް ގެ ތެރެއިން ނަފާ ހޯދުމުގެ ފުރިހަމަ ބާރާއި ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލާފައިވާކަމަށާއި، މީގެކުރިން ދުވަހަކުވެސް މާލީގޮތުން ރަށާއި އަތޮޅު ތަކުގެ ފެންވަރަށް ސަރުކާރުގެ މާލީ ބާރުތައް ދޫކޮށްނުލާ މިންވަރަށް މިޙާރު ދޫކޮށްލާފައިވާކަމަށް މިނިސްޓަރުގެ ޚިތާބުގައި ފާހަގަކުރެއެވިއެވެ.

"ކުރިއަށް މި އޮތީ، ލާމަރުކަޒީ ނިޒާމަށް ގެނައި އިންޤިލާބީ ބަދަލުތަކަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބު. މި އިންތިޚާބަށް ޤައުމު ފަރިވާއިރު، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު މިވަނީ، އޭގެ ޙަޤީޤީ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުވައިދިނުމަށް ފައްކާވެފައި" އެލްޖީއޭގެ ރައީސް ވިދާޅުވިއެވެ.

ކޮންމެ ކައުންސިލެއްގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރުމަށް ނިންމި ނިންމުން ވެފައިވަނީ އަތޮޅާއި ރަށު ފެންވަރުގައި ސިޔާސަތު ކަނޑައެޅުމާއި، ގޮތް ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް އޮތް ގޮންޖެހުންތަކުން އަރައިގަތުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރ އިމްރާން ސިފަކުރެއްވިއެވެ.

ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށް، ސަރުކާރުން ނަތީޖާ ނެރުމަށް ކައުންސިލަރުންނަށް ފުރުޞަތު ފަހިކޮށްދީފަވާކަމަށާއި، ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީ ކައުންސިލްގެ މޭޔަރުން އިންތިޚާބު ކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ އައްމައްޗަށް ދޫކޮށްލުމާއެކު އެކަންކަމަށް ގުޅުން ހުރި ފަރާތްތަކުން ޒިންމާދާރުވާންޖެހޭކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެއެވެ.

"ލާމަރުކަޒީ ނިޒާމަށް ކަންކަން ބަދަލުވެގެންދާއިރު، އެނިޒާމްގެ ފުރިހަމަ ފައިދާ ހޯދުމަށް ކޮންމެ ރައްޔިތަކުމެ ވިސްނަންޖެހޭ. ވަކިން ޚާއްޞަކޮށް ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުން ތައްޔާރުވެ ޒިންމާދާރުކަމާއެކު މަސައްކަތްކުރުން އިންތިހާއަށް މުހިއްމު. އަޅުގަނޑުމެން ވާންވާނީ އެނިޒާމްގެ އުޞޫލުތައް ފުރިހަމަ މާނައިގައި ބަލައިގަންނަ، އެނިޒާމަށް ތަސައްރަފް ފުދިފައިވާ ބަޔަކަށް. ޤާނޫނުތަކާއި، ޤަވާއިދުތަކަށް ފުރިހަމައަށް ތަބާވާ ބޭފުޅުންނަށް" އެލްޖީއޭގެ ރައީސް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ސިޔާސީ ވާދަވެރިކަން ނިމުމަކަށް ގެނެސް، ރަށާއި، އަތޮޅާއި، ސިޓީ ތަރައްޤީ ކުރުމުގައި ރައްޔިތު އަތުގުޅާލަންޖެހޭނެކަމަށެވެ. އިންތިޚާބީ ވާދަވެރިކަމާއި، ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ކުރިއަށް ރަށުގެ ތަރައްޤީ އިސްކުރުން ކޮނެމެހެން މުހިއްމުކަމަުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެެވެ.

މިނިސްޓަރ އިމްރާން ވަނީ މުޅި ރަށާއި، މުޅި އަތޮޅު ޝާމިލްވާނެހެން، މުޅި ސިޓީގެ ރައްޔިތުންގެ ބައިވެރިވުން ހޯދައިގެން ކުރިއަށް ދިއުމުގެ ވިސްނުން އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ.