ޚަބަރު

މަކުނުދުއަށް ކުޑަކުދިންގެ ޑޮކްޓަރާއި އަންހެނުންގެ ޑޮކްޓަރެއްގެ ޚިދުމަތް ނުދެވިވަނީ ޖާގަ ނެތިގެން - އަމީން


ހދ.މަކުނުދޫގައި އަންހެނުންގެ ޑޮކްޓަރާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ނުލިބި ލަސްވަނީ އެކަމަށް ބޭނުންވާ ޖާގަ ހޮސްޕިޓަލުގައި ނެތުމުންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މަކުނުދޫގައި އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ، މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްދު ސާލިޙް މަކުނުދުއަށް ކުރެއްވި ދަތުުރުފުޅެއްގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.

ނަމަވެސް މިހާތަނަށް އައިއިރުވެސް މި ވަޢުދު ފުއްދިފައި ނުވާތީ، ހދ.މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީން އާއި ސުވާލު ކުރައްވާފައެވެ.

އެކަމާއި ގުޅޭ ގޮތުން ހެލްތް މިިނިސްޓްރ އަބްދުﷲ އަމީން ވިދާޅުވީ، މަސައްކަތް ކުރިއަށްނުގެންދެވި ވަނީ މިކަމަށް ބޭނުންވާ ކޮންސަލްޓޭޝަން ރޫމެއް ނުހެދިގެން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެރަށުގައި މިވަގުތު ހުރީ އެންމެ ކޮންސަލްޓޭޝަން ރޫމެއްކަމަށާއި، އިތުރު ޚިދުމަތެއް ރަށުގައި ފެށޭނީ ޑޮކްޓަރަށް މަސައްކަތް ކުރެވޭނެ އިތުރު ކޮޓަރިއެއް ހެދިގެންކަމަށެވެ.

"2019ވަނަ އަހަރު މަސައްކަތް ނުފެށުނީ އެކަމަށް ބޭނުންވާ ފައިސާ 2019ގެ ބަޖެޓް ހިމެނިފަިއ ނެތުމުން. މިއަހަރުގެ ބަޖެޓުގައި މަސައްކަތް ހިމަނާފައިވަނީ، ކުރެހުންތައްވެސް ވަނީ ނިމިފަ. މިހާރު އޮންނަ ލާމަރުކަޒީ އުސޫލުގެ ދަށުން، ކޮންސަލްޓޭޝަން ރޫމް ހެދުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހު ކައުންސިލާއި ހަވާލުކުރާނަން." އަމީން ވިދާޅުވިއެވެ..

މެންބަރު ރާއީވަނީ މަސައްކަތް ނިންމައި ޚިދުމަތް ފަށާނެ ދުވަހާއި ގުޅޭގޮތުންވެސް މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ޢަމަލީ މަސައްކަތް ނިމުނުހާ އަވަހަށް އަންހެނުންގެ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް މަކުނުދޫގައި ފަށާނެކަމަށެވެ.

"އަންހެނުންނާއި ކުޑަކުދިންގެ ސިއްޙީ ޚިދުމަތްތަކަކީ ޖާގައާއި ވަސީލަތް ހުރެގެން ކުރެވޭ މަސައްކަތެއް. ބައެއް ރަށްތަކުން އެދިގެން ޑޮކްޓަރަކު ގެންދިޔަޔަސް، އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން އެންމެ އެދެވޭ ނަތީޖާއެއް ނުފެނެ. ހަމައެކަނި ޑޮކްޓަރެއް ފޮނުވިއަސް މަސައްކަތެއް ނުކުރެވެ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކުގައިވެސް ސިއްޙީ ޚިދުމަތްދޭ ތަންތަނުގައ ޖާގައިގެ ދަތިކަން ހުރިކަން މިނިސްޓަރ އަމީންވަނީ ފާހަގަކުރައްވާފައެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހަށް ހާޒިރުކުރި މިއީ ތިންވަނަ ފަހަރެވެ.