ޚަބަރު

އެމެރިކާއިން އިންޑިއާއަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމައިފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިޔާއަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ރަސްމީ މަޝްވަރާކުރައްވާ އެމެރިކާއިން އިންޑިއާއަށް ތިން ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކަން އެއްބަސްވެފައިވާކަން އިޢުލާން ކުރައްވައިފިއެވެ.

ޗައިނާގެ ބާރު ދެކުނު އޭޝިޔާ ސަރަޙައްދުގައި ކުޑަކުރުމަށް ދެޤައުމުގެ ދެމެދުގައި ވެވުނު ހަތިޔާރު ވިއްކުމުގެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން އިންޑިއާއަށް ހަނގުރާމަމަތީ ހެލިކޮޕްޓަރު ހިމެނޭގޮތަށް އަސްކަރީ ހަތިޔާރު ވިއްކާނެއެވެ. އެއީ ދެޤައުމުގެ ދެމެދުގައި އޮތް އަސްކަރީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަވަހިކުރުމަށް އަޅާ ފިޔަވަޅެކެވެ. ޓްރަމްޕް އިންޑިއާއަށް ކުރެއްވި ދަތުރުގައި އެޤައުމުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ބޮޑުވަޒީރު މޯދީއާ ބައްދަކުރެއްވުމުގެ ކުރިން ޓްރަމްޕްވަނީ ނިއު ދިއްލީގައި ހުންނަ އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި މަހާތުމާ ގާންދީގެ މަޤްބަރާއަށް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން، ޓްރަމްޕްވަނީ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެއްވުމަށް މޯދީއާއެކު މަޝްވަރާކުރައްވާފައެވެ. އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތްކުރަނީ ދެޤައުމުން ދެމެދުގައި ކުރާ ވިޔަފާރިން ނަގާ ޓެކްސްގެ ނިސްބަތް ކުޑަކުރުމަށާއި އެމެރިކާގެ ބާޒާރަށް ނެރޭ އިންޑިއާގެ އެއްގަމު މަހާއި ކިރުގެ ބާވަތްތަކާ ގުޅޭގޮތުންނެވެ.

ޓަރަމްޕް ވިދާޅުވިގޮތުގައި އިންޑިއާއަށް ކުރެއްވި ދަތުރަކީ ވަރަށް ފުރިހަމަ ދަތުރެވެ. އިންޑިއާގެ އެތައް މިލިއަން ރައްޔިތުން އެމެރިކާގައި ދިރިއުޅޭކަން ފާހަގަކުރައްވާ ޓްރަމްޕް ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަކީ ވަރަށް ޚާއްޞަ ބައެއްކަމަށެވެ. އިންޑިއާއަށް ވަޑައިގަތުމުން ޓްރަމްޕަށް ދިން ހޫނު މަރުޙަބާ ފާހަގަކުރައްވާ އޭނާ ވިދާޅުވީ ސަތޭކަހާހަށްވުރެ ގިނަ މީހުން ބައިވެރިވި ރަސްމިއްޔާތެއްގައި ވާހަކަދެއްކެވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.

އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ދެއްވި ޙާއްޞަ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ޓްރަމްޕްވަނީ އާގްރާގައި ހުންނަ ތާޖުމަހަލަށްވެސް ޒިޔާރަތްކުރައްވާފައެވެ.