ވިޔަފާރި

ކޯޕަރޭޓް ގަވަރނަންސް އެވޯޑް އެސްޓީއޯ، އެލައިޑް އަދި ސްޓެލްކޯއަށް


ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ ކުންފުނިތަކަށްދޭ "ސީޖީ އެފަޓްސް އެވޯޑް" އެސްޓީއޯ، އެލައިޑް އަދި ސްޓެލްކޯއަށް ލިބިއްޖެއެވެ.

ކޯޕަރޭޓް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ އިން ދޭ މި އެވޯޑު އެކުންފުނިތަކަށް ހަވާލުކުރީ އޯކާ މީޑިއާ އަދި ކޯޕަރޭޓް މޯލްޑިވްސްއިން ބޭއްވި ގޯލްޑް 100 ގާލާ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ސީޖީ އެފަޓްސް އެވޯޑަކީ 2018 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ތައާރަފުކުރި އެވޯޑެކެވެ. ސީޖީ އެފަޓްސް އެވޯޑު ކުރިން ދެމުން ދިޔައީ ދެ ކެޓަގަރީއަކުންނެވެ. އެއީ ލިސްޓަޑް ކުންފުނިތަކާއި ނަން ލިސްޓަޑް ކުންފުނިތަކެވެ. ނަމަވެސް މިފަހަރު ވަނީ "ސްޓޭޓް އޯންޑް އެންޓަޕްރައިސަސް"ގެ ނަމުގައި އިތުރު ކެޓަގަރީއެއް ތައާރަފުކޮށްފައެވެ.

މިއަހަރުގެ އެވޯޑުގައި ލިސްޓަޑް ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ސީޖީ އެވޯޑްސްގެ ކާމިޔާބުކުރީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއެވެ. އަދި ނޮން ލިސްޓަޑް ކުންފުނިތަކުގެ ތެރެއިން ސީޖީ އެވޯޑްސް ކާމިޔާބުކުރީ އެލައިޑް އިންޝުރެންސްއިންނެވެ. އަދި އަލަށް ތަޢާރަފްކުރި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެވޯޑް ހާސިލުކުރީ ސްޓެލްކޯއިންނެވެ.

ސީޖީ އެފަޓްސް އެވޯޑް ހޯދި ކުންފުނިތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ސީއެމްޑީއޭގެ އެކްޓިން ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީންއެވެ.

ފާތިމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މިއީ ރާއްޖޭގެ ކުންފުނިތައް ކޯޕަރޭޓް ގަވަނަންސްގެ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ހިންގުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއްކަމަށެވެ.

"ސީއެމްޑީއޭއަކީ ރާއްޖޭގައި ކެޕިޓަލް މާރކެޓް ރެގިއުލޭޓް ކުރާ އެންޓިޓީ. އެގޮތުން ލިސްޓަޑް ކުންފުނިތަކަށް އަޅުގަނޑުމެން ސީޖީ އަށް ކޮންޕްލައިކުރުން އޮންނާނީ އަޅުގަނޑުމެންގެ ޤަވައިދުތަކުގެ ދަށުން މެންޑަޓަރީ ކޮށްފައި. މިހާރު އާޅުގަނޑުމެން އެފޯޓްސް އެވޯޑްސް ތައަރަފްކުރީ ޕްރައިވެޓް ކޮންޕެނީޒްއާއި، އަދި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސްއަށްވެސް މިއަހަރުން ފެށިގެން ހުޅުވާލާފައި މިއޮތީ އެޕްލައި ކުރުމުގެ ފުރުސަތު. މިދެންނެވި ގޮތަށް މަޤްސަދަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުންފުނިތަކުން ކުރާ މަސައްކަތްތަށް އެކްނޮލެޖްކޮށް އެންކަރެޖް ކުރުން." ފާތިމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

ސަރުކާރު ހިއްސާ ކުންފުނިތަކަށް ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން އެވޯޑްތަކެއް ލިބިފައިވާއިރު، ސަރުކާރުން ވަނީ ކޯޕަރޭޓް ގަވަރނަންސް ކޯޑެއް އެކުލަވާލާފައެވެ. މި ކޯޑަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރަންޖެހޭއިރު، ކުންފުނިތަކުން ކޯޕަރޭޓް ގަވަރނަންސްގެ ކޯޑާ އެއްގޮތަށް މަސައްކަތްކުރާ މިންވަރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ގެންދަވަނީ ބައްލަވަމުންނެވެ.