ތަޢުލީމު

ނާސާގެ ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނެގުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރުންނަށް!


އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ރާއްޖެއާއި ދުނިޔޭގެ އެކި ތަންތަން ފޮޓޯ ނެގުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި މާލޭގެ 11 ސްކޫލަކުން ދަރިވަރުން ބައިވެރިވާނެއެވެ. މި ހަރަކާތް އޮންނާނީ މާދަމާ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ސްޕޮންސަރކޮށް، ޔުނިވަރސިޓީ އޮފް ކެލިފޯނިއާއާއި ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރ ގުޅިގެން ހިންގާ މި ޕްރޮގްރާމް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދަނީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސަސް، އައި.ޖީ.އެސްއާއި ގުޅިގެންނެވެ. މިއީ އައި.ޖީ.އެސްއާއި ގުޅިގެން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ދާދިފަހުން ފެށި "ސްޕޭސް ސައިންސް ޕްރޮގްރާމް"ގެ ތެރެއިން ހިންގާ ހަރަކާތެކެވެ.

ޖައްވުގެ ތެރެއިން ދުނިޔެ ފެންނަގޮތުގެ ފޮޓޯ ނެގުމުގެ މިހަރަކާތަކީ "އެކްސްޕްލޯރިން އާތު ފްރޮމް ސްޕޭސް"ގެ ކަރިކިއުލަމް ފުރިހަމަކުރުމަށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ހިންގާ ހަރަކާތެއްކަމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ބުނެއެވެ. އެގޮތުން މި ހަރަކާތުގައި އެ ސްކޫލުގެ ގްރޭޑް 6 އިން ފެށިގެން 9 އަކާއި ދެމެދުގެ 62 ދަރިވަރުންނާއި މާލޭގެ 11 ސްކޫލަކުން 22 ދަރިވަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އައި.ޖީ.އެސްގެ ފައުންޑަރ އަދި ސީ.އީ.އޯ ރިފްޢަތު މުޙައްމަދު ވިދާޅުވީ، މިއީ ދިވެހި ދަރިވަރުންތަކަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވަރަށް ތާރީޚީ ހަރަކާތެއްކަމަށެވެ. އެގޮތުން ނާސާގެ ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން މި ހަރަކާތުގެ ތެރެއިން 200 ފޮޓޯ ނެގުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުން ނަގާ ފޮޓޯ ނާސާއިން އަރކައިވްކުރާނެ. ހުރިހާ ގޮތަކުން ބަލާއިރުވެސް މިއީ ވަރަށް ތާރީޚީ މަސައްކަތެއް. މި ސްޕޭސް ސްޓޭޝަން ކޮންމެ 90 މިނެޓަކުން އެއްފަހަރު ރާއްޖެމަތިން ދަތުރުކުރޭ. ރާއްޖެއާއި އެންމެ ކައިރިިން ދަތުރުކުރާނީ ށ. ކޮމަންޑޫ ހިސާބުން ހުރަހަށް. އެގޮތުން ހިންނަވަރު ކައިރިިންގޮސް އޮޅުވެލިފުށްޓާ ހިސާބުން ދެން ދުރަށް ދާނީ. އެހެންވީމަ އެ ސަރަޙައްދުތަކުގެ ރަށްތަކާއި ކަނޑުގެ ސަރަހައްދު ފޮޓޯ ނެގުމުގެ ފުރުޞަތު ލިބޭނެ" ރިފްޢަތު މުޙައްމަދު ވިދާޅުވިއެވެ.

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޢަލީ މުޞްތަފާ ވިދާޅުވީ، ތަޢުލީމީ ދާއިރާގެ ތެރެއިން އީޖާދީ އުފެއްދުންތަކަށް ދަރިވަރުންގެ ލޯ ހުޅުވައިދީ ތަފާތު އެކި ކަހަލަ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އެ ސްކޫލުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށެވެ. އެގޮތުން އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އެކެޑަމިކް މެޓީރިއަލްސްތައް ދަރިވަރުންގެ އެކްސްޕެރިމެންޓްތަކާއި ޕްރޮޖެކްޓުތަކުގައި މިހާރުވެސް ބޭނުންކުރަމުންދާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"ކަންކަމުގައި ސުވާލުކުރާ، އަދި ކަންކަން އެކްސްޕްލޯރކުރާ ޖީލެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ސްޕޭސް ސައިންސަކީ ވަރަށް ބޮޑަށް އޭގެ ޢިލްމު ފެތުރި ފުޅާވަމުންދާ ދާއިރާއެއް. އަދި އަޅުގަނޑުމެންގެ މުޤައްރަރުތަކުގެ ތެރޭގައި ވަރަށް ލިމިޓުކުރެވިފައިވާ ދާއިރާއެއް. އެހެންކަމުން ސްކޫލުތަކުގެ ތެރެއިން ޚާއްސަކޮށް މި ސްކޫލުން ކިޔަވާ ކޮންމެ ދަރިވަރަކީ އެފަދަ މަޢުލޫމާތުތަކަށް ލޯހުޅުވި، އެކަންކަން އެކްސްޕްލޯރކުރާ ދަރިވަރުންނަށް ވުމަކީ ޚާއްސަ އިސްކަމެއްދޭކަމެއް" ޢަލީ މުޞްތަފާ ވިދާޅުވިއެވެ.

ސްޕޭސް ސައިންސްއަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ނާސާއިން މިފަދަ ހަރަކާތްތައް ދޭތެރެ ދޭތެރެއިން ކުރިއަށްގެންދާކަން ފާހަގަކޮށް، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނެގުމުގެ ފުރުޞަތު ލިބިފައިވާކަން އައި.ޖީ.އެސްއިން މަޢުލޫމާތުދެއެވެ. އަދި މިފަހަރުގެ ހަރަކާތް މާލޭގެ ސްކޫލްތަކަށް ޚާއްސަކުރިނަމަވެސް ކުރިމަގުގައި އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް މިފަދަ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.