ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޞިއްޙީ ޙާލަތު ހުރިގޮތުންނާއި، ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ޢާއިލާއިން އެދިއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކު ވިދާޅުވީ ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހަދާފައިވާ މެޑިކަލް ޓެސްޓުތަކުން އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް ޢާއިލާއިން އެދިފައިވަނީ މީގެ ދެދުވަހެއް ކުރިންކަމަށެވެ.
ނަމަވެސް މިމައްސަލާގައި އަދި މިހާތަނަށް އެއްވެސް އެއްޗެއް އަންގާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީން ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު ޖަލަށް ބަދަލުކުރުމާއެކު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲވަނީ ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރައްވާފައެވެ. ރައީސް ޔާމީން ފަރުވާ ހޯއްދަވާފައިވަނީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ޓެސްޓްތަކެއް ހެދުމަށެވެ.
އަދި މިބައްދަލުވުންތަކަށްފަހު ރައީސް ޔަމީންގެ ސިއްހީ ޙާލަތާ ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލަފާ ޢާއިލާއާ ޙިއްސާ ކުރައްވާފައިވާކަމަށް ހޯމްމިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މަނީ ލޯންޑްރިން މައްސަލައަިގައި ޖަލަށްލާން ހުކުމް ކުރުމުން އެމަނިކުފާނުގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިމައްސަލާގައި އެންމެފަހުން ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތަކުގައި އެމަނިކުފާނުގެ ބަލި ޙާލަތުގެ ވާހަކަތައް ކޯޓުގައިވެސް ވަނީ ވިދާޅުވެފައެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުންކުރި ޙުކުމްގެ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެކަމަށް ނިންމަވާފަައިވާ ނިންމުން މުރާޖަޢާ ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގަ ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ.