ފުލުހުން ބަލަމުންދާ މައްސަލަތަކަކާގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާދަމާ ފުލުހުންގެ އިދާރާއަށް ޙާޒިކުރަން ޗިޓު ފޮނުވާފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކު ވިދާޅުވީ ރައީސް ޔާމީން ފުލުހުންގެ މަރުކަޒަށް މާދަމާ ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ކޮން މައްސަލައެއްގައިކަން ރަނގަޅަށް ސާފު ވެފައިނުވާކަމަށެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ފުލުހަށް ހާޒިރުކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޚްޤީގުތަކާއި އަދިވެސް އެހެން މައްސަލަތަކަކާއި ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.
މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީންގެ ގެންދަވަނީ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ދަށު ކޯޓުން އިއްވާފައިވާ ހުކުމް ބާތިލުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުތައް ވަނީ ފެށިފައެވެ. މި މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ހުށައެޅި ހުށައެޅުން ބެލުމަށްފަހު ހައިކޯޓުން ނިންމާފައިވަނީ ރައީސް ޔާމީން މިނިވަންކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެ ނިމުން އަލުން މުރާޖާ ކުރަންޖެހޭ ތަނެއްނެތްކަމަށްވެސް ހައިކޯޓުން ވަނީ ނިންމާފައެވެ.
ދަށުކޯޓްގެ ހުކުމް ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ހުށައެޅުއްވި ހުށައެޅުމުގައި 75 ނުކުތާއެއްވަނީ ފާހަގަކޮށްފައެވެ. އިސްތިއުނާފު މައްސަލަގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 3 ވަނަދުވަހުއެވެ.