ވިޔަފާރި

ގޯލްޑް 100 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 2 ބޭފުޅަކަށް


ވިޔަފާރިތަކަށް ޚާއްސަކޮށްގެން ބާއްވާ "ގޯލްޑް 100"ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 2 ބޭފުޅަކަށް ދެއްވައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސްއާއި އޯރކާ މީޑިއާ ގްރޫޕް ގުޅިގެން ބާއްވާ ގޯލްޑް 100 ގާލާއަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިތައް ހޮވުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ ގޯލްޑް 100 ގާލާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މިރަސްމިއްޔާތުގައި ގޯލްޑް 100 ގާލާގެ ލައިފް ޓައިމް އެޗީވްމަންޓު އެވޯޑު ވަނީ ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ 2 ބޭފުޅަކަށް ދެއްވާފައެވެ. މިއަހަރުގެ އެވޯޑް ލިބިވަޑައިގެންފައިވަނީ ވޮޔަޖަސް މޯލްޑިވްސްގެ ފައުންޑަރ ސޮލާހް ޝިހާބާއި އާރުސީއެންސީގެ ބާނީ، އަލްމަރްހޫމް އަބްދުލް ރަޝީދުއަށެވެ.

ލައިފް ޓައިމް އެޗީވްމަންޓު އެވޯޑަކީ ގިނަ ދުވަސްތަކެއް ވަންދެން، އެކި ދާއިރާތަކުން ރާއްޖޭގެ އިޤްތިސާދަށް ފައިދާކުރެނިވި މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެކެވެ.

ގޯލްޑް 100 ގާލާ އިންތިޒާމްކުރާ ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ މިއެވޯޑަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނިތައް ފާހަގަކުރުމަށް ދޭ އެވޯޑެއްކަމަށެވެ. އަދި މިއެވޯޑު ދިނުމުގައި ބަލަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ވިޔަފާރިކުރާތާ 5 އަހަރުވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުރާ މަސައްކަތްކާއި، އުފެއްދުންތެރިކަމާއި އެހެނިހެން ކަންކަމަށް ބަލައިގެން އެންމެ ކުރިއަރާފައިވާ ކުންފުނިތަކަކަށްކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.

"އަޅުގަނޑުމެން ޕާޓްނަރ ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި. މިއީ އެންމެ ސައްހަ ޑޭޓާ ލިބޭނެ ފަރާތަކީ. މަދުވެގެން ފަސް އަހަރު ރެޖިސްޓަރވެފައިވާ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންކުރާ މަސައްކަތާއި، އިނޮވޭޝަން، އަދި އުފެއްދުންތެރިކަމާއި އެހެނިހެން ކަންކަމަށް މިބަލަނީ. ދެން ބޭރުގެ ކޮސްމޯސް ކިޔާ ޕްރައިވެޓް އޮޑިޓަރއެއްގެވެސް އެހީތެރިކަމާއެކު. އަދި މީރާއިންވެސް އެހީތެރިވޭ، މިހޮވާ ކުންފުނިތަކަކީ ރަގަނޅު ކުންގުނިތަކެއްތޯ ޔަޤީންކޮށްދޭން."

ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

ގޯލްޑް 100 ގާލާގެ އިތުރުން، އޯރކާ މިޑީއާއިން ވަނީ މިމަހުގެ 23 އިން 24 އަށް ބިޒްނަސް އެކްސްޕޯއެއްވެސް ކުރިއަށްގެންގޮސްފައެވެ. މިދިޔަ އަހަރު ބާއްވަން ފެށި ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގެ ވިޔަފާރިތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް، ނެޓްވޯކް ކުރުމަށް ފުރުސަތުދީ، ވިޔަފާރިތަކުގެ އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ މަގުފަހިކުރުމަށް ބާއްވާ އެކްސްޕޯއެކެވެ.