ވިޔަފާރި

ކުރިއަރަމުން އަންނަ ކުންފުނިތަކުން ކުދި ވިޔަފާރިތައް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ


ރާއްޖޭގައި އަލަށް ފަށާ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކުރިއަރަމުން އަންނަ ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ފިނޭންސް މިނިސްޓަރ އަމީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ދަރުބާރުގޭގައި ބޭއްވި ގޯލްޑް 100 ގާލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އަމީރު ވިދަޅުވީ ކުދި ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން އަދި އާ އީޖާދީ އުފެއްދުންތައް އުފައްދާ ކުންފުނިތައް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި މިމަސައްކަތުގައި ގޯލްޑް 100 ގައި ހިމެނޭ ކާމިޔާބު އަދި ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ ހަމައެކަނި އެސްއެމްއީތަކަށް ފަންޑުކުރުމެއް ނޫން. ސަރުކާރުން ބޭނުން އެސްއެމްއީތަކަށް އެހީތެރިވެދީ، މެންޓޯ ކުރަންވެސް. މިއިނީޝިއޭޓިވްގެ ދަށުން އަޅުގަނޑު ދައުވަތު އަރުވަން ގޯލްޑް 100 ކުންފުނިތަކަށް ސަރުކަރާއެކު މަސައްކަތްކޮށް، އަލަށްފަށާ، ޒުވާނުން ހިންގާ ވިޔަފާރިތަކަށް މެންޓަރޝިޕްދީ އެހީތެރިވުމަށް. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވިޔަފާރީގެ އެކި ކަންކަމަށް ބޭނުންވާ ހިދުމަތްތަކާއި ތަކެތި ހޯދާއިރު، ބޭރުގެ ކުންފުނިތަކަށް ބަރޯސާ ވުމުގެ ބަދަލުގައި ރާއްޖޭގެ އަމިއްލަ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުގެ އުފެއްދުންތަކާއި، ހިދުމަތްތައް އިހްތިޔާރުކުރުމަށް އެދެން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގެ ތެރެއިން އެކިއެކި ދާއިރާތައް މިހާރަށްވުރެ ބޮޑަށް ކުރިއަރުވަން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ނުކުރާނޭފަދަ ގޮތަކަށް ރާއްޖޭގެ އިޤްތިސަދު ބިނާކުރުމަށްވެސް މަސައްކަތް ކުރަންޖެހޭކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށް މިހުރިހާ ކަމެއް ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މަސައްކަތްތެރިންކަމަށާއި އެހެންކަމުން އިންސާނީ ވަސީލަތް ބިނާކުރުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ކުންފުނިތައް ރާއްޖެއިން ބޭރުގައިވެސް ހަރަކާތްތެރިވެ، ކާމިޔާބީ ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.