މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ވަންނާނެކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިޢުލާންކުރައްވައިފިއެވެ.
އިސްލާމީ ޤައުމުތަކުގެ ފަރާތުން ގެމްބިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އދގެ އެންމެ މަތީ ކޯޓަށް ހުށަހެޅި މިމައްސަލަގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން މިނިސްޓަރ ޝާހިދު އިއުލާންކުރެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ނިކުންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ކެބިނެޓަށް ފެނިވަޑައިގަންނަވާކަމަށާއި، އަވަސް މުސްތަޤްބަލެއްގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި އެކޯޓަށް ލިޔުން ހުށަހަޅާނެކަމަށެވެ. މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވާނީ އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ވަކީލެއްކަމަށްވާ އާމާލް ކްލޫނީއެވެ. މިމައްސަލަ ކޯޓަށް ގެންދިޔަ ކަމަށްޓަކައި، ގެމްބިއާއަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ބައިނަލްއަޤްވާމީ ކޯޓުން ނިންމި ނިންމުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔާކަމަށެވެ. ރޮހިންޔާ މުސްލިމުންނަށް ދެމުންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލާ އެމީހުން ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ އިންސާފާބެހޭ ކޯޓުން މިޔަންމާގެ ސަރުކާރަށް ވަނީ އަމުރުކޮށްފައެވެ. އަދި ރޮހިންޔާ މުސްލިމުންނާމެދު ހިންގާފައިވާ ހުރިހާ ޖަރީމާތަކުގެ ހެކިތައް ނައްތާލިޔަނުދީ ރައްކާތެރިކުރުމަށްވެސް އިންޓަނެޝްނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ ފަރާތުން މިޔަންމާއަށް އަންގާފައިވެއެވެ.
ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު"ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެޤައުމަށް އަމުރުކޮށްފައެވެ. 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލުން ވަނީ ނިންމާފައެވެ. މި އެންގުމަކީ މިމައްސަލައިގެ ފުރަތަމަ ފިޔަވަޅެވެ.
ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް 4 މަސްދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ 6 މަހަކުން 6 މަހަކުން އެފަދަ ރިޕޯޓެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ.
އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައިވެސް މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ ދިފާޢުގައިވެސް ވާހަކަފުޅު ދައްކަވާފައެވެ. ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުން، ޚާއްސަކޮށް ކުޑަކުދިންނާ އަންހެނުން އުޅެމުންދާ ޙާލާއި މެދު ރާއްޖެއިން ކަންބޮޑުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީނަށް ލިބިފައިވާ ހައްޤަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމަށާއި، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.