ޚަބަރު

"ސޯލަރ އެލަޔަންސް" ފްރޭމްވޯކް ތަޞްދީޤުކުރުމާ ބެހޭގޮތުން މަޖިލީހުގެ ލަފައަށް އެދިވަޑައިގަތުމަށް ނިންމަވައިފި


އިޞްލާޙުކޮށްފައިވާ "ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށް ނިންމަވައިފިއެވެ.

އދ. ގެ އެންމެހާ މެންބަރު ޤައުމުތަކަށް ބައިވެރިވެވޭ ގޮތަށް "ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" އަށް އިޞްލާޙެއް ގެންނަވާފައިވާތީ، އިޞްލާޙުކޮށްފައިވާ މި އެގްރީމެންޓް ދިވެހިރާއްޖެއިން ތަޞްދީޤުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު ވަނީ އަރުއްވާފައެވެ. މިއާއެކު ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން މި އެގްރީމަންޓް ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދި އެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު މިވަނީ ނިންމަވައިފިއެވެ.

މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ފަރާތުން ހުށަހެޅުއްވި ކަރުދާހާ މެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މި އެގްރީމެންޓަކީ، 10 އެޕްރީލް 2019 ގައި ދިވެހިރާއްޖެއިން ސޮއިކޮށް، 30 އެޕްރީލް 2019 ގައި ތަޞްދީޤުކޮށްފައިވާ އެގްރީމެންޓެކެވެ.

އިޞްލާޙުކޮށްފައިވާ "ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" ބަލައިގަތުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިއީ، ދިވެހިރާއްޖެ ލޯ ކާބަން ޤައުމަކަށް ހެދުމަށް ބޭނުންވާ، އިރުގެ އަލިން ހަކަތަ ލިބިދޭ ނިޒާމެއް ގާއިމުކުރުމުގެ ފުރުޞަތުވެސް ދިވެހިރާއްޖެއަށް ހުޅުވިގެންދާނެ ކަމެކެވެ.