ވިޔަފާރި

އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް ތަޢާރަފްކޮށްފި


އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންނަށް ޚާއްސަކޮށްގެން އުރީދޫ މޯލްޑިވްސްއިން ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "މަށާއެކު"، މިނަމުގައި މިޕެކޭޖް އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ، އަހުސަން ޢަބްދުއްރަޙްމާން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒްއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ މިޕެކޭޖު ތަޢާރަފްކޮށްފައިވަނީ އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާ މުޢާމަލާތް ކުރުމަށް ޑެފް ކޮމިއުނިޓީ ތެރޭގައި އެންމެ ގިނައިން ބޭނުންކުރެވެނީ ވީޑިއޯ މެސެޖާއި ވީޑިއޯ ކޯލްތައްކަމުން އެކަމަށް އިތުރު ޑޭޓާ ބޭނުންކުރަންޖެހޭތީކަމަށެވެ. އަދި މި ޕެކޭޖްގެ ތެރެއިން ވައިބަރ އަދި ވަޓްސްއަޕް މެދުވެރިކޮށް ވިޑިއޯ ކޯލްސް މުޅިން ހިލޭކުރެވޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ. މީގެ އިތުރުން އަޑުއެހުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އުރީދޫގެ ޚިދުމަތްތަކުގެ މައުލޫމާތު ހޯދަން ފަސޭހަކޮށްދީ، އުރީދޫ އާއި ކަސްޓަމަރުންގެ ގުޅުން އިތުރަށް ދެމެހެއްޓުމަށްޓަކައި އުރީދޫ ކަސްޓަމަރ ސަރވިސްގެ 15 މުވައްޒަފުން ބޭސިކް ސައިން ލެންގުއެޖްގެ ތަމްރީންދީފައިވާކަމަށްވެސް އުރީދޫއިން ބުނެއެވެ. އަދި ސައިން ލެންގުއެޖް ބޭނުން ކުރައްވާ ފަރާތްތަކަށް ކަސްޓަމަރ ކެއަރގެ އެހީތެރިކަން ހޯދުމަށް ޙާއްސަ ކުރެވިފައިވާ ވައިބަރ ނަމްބަރު މެދުވެރިކޮށް ވީޑިއޯ ކޯލްގެ ޒަރިއްޔާއިން ސައިން ލެންގުއެޖް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޚިދުމަތް ލިބިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މަށާއެކު ޕެކޭޖް ލޯންޗް ކުރެވުމަކީ އުރީދޫއަށް ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ.

އުރީދޫއިން ބުނީ އުރީދޫއިން ތަޢާރަފްކުރި "މަށާއެކު ޕެކޭޖް" ޑެފް އެސޯސިއޭޝަން މެދުވެރިކޮށް އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް މި ޕެކޭގް ނެގޭނެކަމަށެވެ.