ޚަބަރު

"ކޮރަލް ފެސްޓިވަލް"ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "ކޮރަލް ފެސްޓިވަލް"ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. ކ.ތުލުސްދޫގައި ބޭއްވި މި ފެސްޓިވަލަކީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

ކޮރަލްފެސްޓިވަލަކީ ކަނޑުތަކާއި ފަރުތަކުގެ ދިރުންތަކާއި މެދު މީހުން ހޭލުންތެރިކޮށް، އެތަންތަން ރައްކާތެރިކުރުމަށް ފަރުދީ ގޮތުން ކުރެވޭނެ ކަންކަމަށް އަހުލުވެރިކުރަން ބޭއްވި 1 ދުވަހުގެ ފެސްޓިވަލެކެވެ. އަދި ރާއްޖޭގެ ކަނޑު ފަޅުގެ ރީތިކަމާއި، ކަނޑުގެ ދިރުންތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް މި ފެސްޓިވަލްގައި ވަނީ ބާއްވާފައެވެ.

މިއަދު ހެނދުނު ދިހައަކުން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކޮރަލް ސައިންޓިސްޓުންނާއި، ރިސަރޗަރސް ހިމެނޭގޮތަށް ޕެނަލް ޑިސްކަޝަންއެއްވަނީ ބާއްވާފައެވެ. އަދި ކަނޑުގެ ދިރުންތަކާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި، ސްކޫލް ޔުނިވަރސިޓީ ދަރިވަރުންނާވެސްވަނީ ހިއްސާކޮށްފައެވެ.

މީގެއިތުރުން ކަނޑުގެ ދިރުންތައް ބަލާލުމުގެ ފުރުސަތު ސްކޫލް ދަރިވަރުންނަށް ދިނުމަށް ސްނޯކްލިންގެ ހަރަކާތްތައްވެސް ވަނީ ހިންގާފައެވެ. އަދި ކަނޑުތަކުގެ ދިރުންތައް ޙިމާޔަތް ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، އަދި ރާއްޖޭގެ ކަނޑުގެ ގާތަކާއި މުރަކައަށް ކުރިމަތިވަމުންދާ ނުރައްކާތައް ދައްކުވައިދޭ އާޓް އެގްޒިބިޝަނެއް ވެސް ވަނީ ބާއްވާފައެވެ.

މި ފެސްޓިވަލްގެ ތެރެއިން އިއްޔެވަނީ ކަމާއިގުޅޭ ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭހެން ތަޖުރިބާ ހިއްސާކުރުމުގެ މަސައްކަތު ބައްދަލުވުމެއްވެސް ބާއްވާފައެވެ.