ޚަބަރު

އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން އިޢުލާންކޮށްފި


އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން އިޢުލާންކޮށްފިއެވެ.

2023 ން 2025 އަށް އޮންނަ ކައުންސިލް ދައުރުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިޢުލާންކުރެއްވީ މިހާރު ކުރިއަށްދާ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި، ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ޝާހިދުވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވައި، މެމްބަރު ޤައުމުގެ އަޑު އުފުލައިދޭނެކަމުގެ ޔަޤީންކަން ޤައުމުތަކަށް އަރުވާފައެވެ.

2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ދިވެހިރާއްޖެއިން ފުރިހަމަކޮށްފައިވެއެވެ. އަދި އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްޤުތަކާ ހުރި ގުޅުން ބައިނަލްއަޤްވާމީ މުޖްތަމައަށް ހާމަކޮށްދީ، ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް އުފެދިގެން ދިޔައެވެ.

ރާއްޖޭގެ މެމްބަރޝިޕް އިޢުލާންކުރެއްވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ޖެނީވާގައި ހުންނަ އދ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު އާއި، މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖް ޑރ އާސިމް އަހުމަދުގެ އިތުރުން ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.