ޚަބަރު

ޓްރަމްޕް އިންޑިޔާއަށް ކުރައްވާ ދަތުރު ކާމިޔާބު، ނަމަވެސް ބައެއް ބަސްތައް ކިއުމުގައި އުނދަގޫތަކެއް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގެ ފުރަތަމަ ދުވަސް ކާމިޔާބު ނަމަވެސް އިންޑިޔާގެ ބައެއް މަޝްހޫރު މީހުންނާއި ސިޓީތަކުގެ ނަންތައް ރަނގަޅަށް ކިޔުއްވުމުގައި ދަތިތަކަކާ ކުރިމަތިލައްވައިފިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އިންޑިޔާއަށް ކުރައްވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ކިޔައިފައެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓު ދަނޑު ހުޅުވުމަށް އިއްޔެ އިންޑިޔާގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވަޑައިގެންނެވިއެވެ. އެރަސްމިއްޔާތުގައި އިންޑިޔާގެ ސަތޭކަހާހަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރަމްޕްވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހިންދީބަހެއް ބޭނުންކުރައްވާ ތަޢުރީފުކުރައްވަން މަސައްކަތްކުރައްވައިފައެވެ. އެގޮތުން ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ކުރިން މޯދީ އުޅުއްވި ސާދާ ދިރިއުޅުމަށް އަލިއަޅުއްވާލައްވާ، ސައި ވިއްކާ މީހެއް ނުވަތަ ޗައި ވާލާއެއްގެގޮތުގައި އުޅުއްވި މޯދީ ބޮޑުވަޒީރުކަމާ ހަމައަށް ވަޑައިގެންނެވި ގޮތަށް ތަޢުރީފުކުރައްވަން ކުރެއްވި މަސައްތަކުގައި ޗައިވާލާގެ ބަދަލުގައި ޓްރަމްޕަށް ވިދާޅުވެވުނީ ޗީވާލާއެވެ.

ޓްރަމްޕް ޒިޔާރަތްކުރެއްވި ގުޖުރާތު ސްޓޭޓުގެ ނަން ކިޔުއްވުމުގައިވެސް ދަތިތަކާ ކުރިމަތިލެއްވިއެވެ. އަދި އިންޑިޔާގެ މަޝްހޫރު ކްރިކެޓް ތަރިންކަމަށްވާ ސަޗިން ޓެންޑޫލްކާ އަދި ޤައުމީ ކްރިކެޓު ޓީމުގެ ކެޕްޓަން ވީރަތު ކޮލީގެ ނަން ކިޔުއްވުމުގައިވެސް ދަތިތަކަކާ ކުރިމަތިލެއްވިއެވެ. މީގެ އިތުރުން މޯދީ އެމީހެއް ބުނެފައިވާ ބަސްތައް ވަރަށް ގިނައިން ބޭނުންކުރައްވާ ނަވާރަވަނަ ޤަރުނުގައި އިންޑިޔާގައި ދިރިއުޅުނު ސްވާމީ ވިވެކެނަންދަގެ ނަންވެސް ޓްރަމްޕަށް ވިދާޅުވެވުނީ ނުބައިކޮށެވެ.

ހާހުން މީހުން އެއްވެތިބި ރަސްމިއްޔާތުގައި އެގޮތަށް ކަންދިމާވިނަމަވެސް އިންޑިޔާގެ ރައްޔިތުންގެ ހިތުގައި ޓްރަމްޕަށް އޮތް ލޯތްބަށް ބަދަލެއްނާދެއެވެ. ރަސްމިއްޔާތުގައި ބައިވެރިވި އާންމުންގެ ޢަދަދުންނާއި ހިފަހައްޓައިގެން ތިބި ބޯޑުތަކުން އަދި ދެމުންދިޔަ ހޫނު ތަރުޙީބުން އެކަން ވަރަށް ރަނގަޅަށް ހާމަވިއެވެ.

ޓްރަމްޕުގެ ޚާއްޞަ ދަތުރުގެ ކާމިޔަބު ފުރަތަމަ ދުވަސް ނިންމަވާލެއްވުމުގެކުރިން އެމަނިކުފާނުގެ އަނބިކަންބަލުން މިލޭނިއާ ޓްރަމްޕާއެކު އަގްރާގައި ހުންނަ ދުނިޔެއަށް މަޝްހޫރު ތާޖްމަހަލުގައި އިރުއޮއްސޭ މަންޒަރު ބައްލަވާލެއްވިއެވެ.