ވިޔަފާރި

މާފަރު އެއާރޕޯޓްގެ ކުރެހުންތައް ފައިނަލް ކުރަނީ

ނ. މާފަރުގައި
ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ނ. އަތޮޅު ޑޮމެސްޓިކް އެއާރޕޯޓްގެ ކުރެހުންތައް
ފައިނަލް ވީހާ އަވަހަކަށް އެތަން އިމާރަތްކުރުމުގެ އަމަލީ މަސައްކަތްތައް
ފެށިގެންދާނެކަމަށް އެއެއާރޕޯޓްގެ ކޮންޓްރެކްޓަރ މިލޭނިއަމް ކެޕިޓަލް
މެނޭޖްމަންޓުން ހާމަކޮށްފިއެވެ.



އެކުންފުނިން މަޢުލޫމާތުދޭގޮތުގައި
އެއާރޕޯޓްގެ ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތަށް މަހެއްހާ ދުވަސް ހޭދަވޭނެއެވެ.
އަދި މިހާރު ނ. ޑޮމެސްޓިކް އެއާރޕޯޓް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި
އެއާރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފު ކުރުމާއި، ބިންގަނޑު
ތައްޔާރުކުރުމުގެ މަސައްކަތުގެ އިތުރުން އެތަނަށް ބޭނުންވާ ތަކެތި ރާއްޖެއިން
ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮންޓްރެންޓަރު މަޢުލޫމާތުދެއެވެ.



 1800 މީޓަރުގެ ދިގު ރަންވޭއެއް މިއެއާރޕޯޓްގައި
އެޅުމަށް ހަމަޖެހިފައިވާއިރު، އެއާރޕޯޓް އެޅުމަށްޓަކައި ބިން ހިއްކަން
ނުޖެހޭކަމަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުން ފާހަގަކުރެއެވެ.



އަންނަ އަހަރުގެ
މެދުތެރޭގައި މިއެއާރޕޯޓުން ޚިދުމަތް ދެވޭވަރުވާނެކަމަށާއި، އެއާރޕޯޓް
ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ޖެޓް ޕާކިން ސަރަހައްދެއް
ހިމެނޭގޮތަށް ކަމަށްވެސް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުން ބުނެއެވެ.



ނ. އަތޮޅުގައި
އެންމެ ފުރަތަމަ އެއާރޕޯޓެއް ތަރައްޤީކުރުމަށް އިޢުލާން ކޮށްފައިވަނީ 2007 ވަނަ އަހަރު. ނަމަވެސް އެ މަސައްކަތް ހަވާލުކުރި ނޫނު ހޮޓެލްސްއިން މަސައްކަތް
ކުރިއަށް ނުގެންދާތީ، އެގްރިމެންޓް ބާތިލްކޮށް، މިލޭނިއަމް ކެޕިޓަލާ މާފަރު
އެއާރޕޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ  2013ވަނަ އަހަރުގެ ފަހުކޮޅުއެވެ.