ވިޔަފާރި

އުރީދޫ އަހަރީ އާއްމު ޖަލްސާގައި އީ-ވޯޓިންގ


އުރީދޫ މޯލްޑިވްސް އަހަރީ ޢާއްމު ޖަލްސާގައި އީ-ވޯޓިންގ ބޭނުންކުރުމަށް ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗުމަހުގެ 2 ވަނަ ދުވަހުގެރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އަހަރީ އާއްމު ޖަލްސާގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރު އިންތިޚާބުކުރުން ކުރިއަށްދާނީ އިލެކްޓްރޮނިކް ވޯޓިންގެ ތެރެއިންކަމަށެވެ. އަދި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ގޮތުގައި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް އެއް ވޯޓު ލެވޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާއި، އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބޭނެކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ މާޗުމަހުގެ 2 ވަނަ ދުވަހުގެރޭ އޮންނައިރު، އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަންޖެހޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ފައިދާއިން ޚިއްސާއަކަށް 3 ރުފިޔާ 30 ބެހުމަށް ހުށަހަޅާފައެވެ. އަދި އަހަރީ އާއްމު ޖަލްސާގައި މިކަމާމެދު ގޮތެއް ނިންމާނެއެވެ.

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާއިރު ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 598 މިލިއަން ރުފިޔާ ލިބިފައެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް 3 ރުފިޔާ 30 ލާރު ބެހުމަށް ނިންމާފައިވާއިރު، 2018 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 3 ރުފިޔާ 22 ލާރިއެވެ. 2017 ވަނަ އަހަރު 3 ރުފިޔާ 20 ލާރި ބަހާފައިވާއިރު، 2016 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 2 ރުފިޔާ 75 ލާރިއެވެ.

އުރީދޫ މޯލްޑިވްސްއަކީ 2005 ވަނަ އަހަރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭން ފެށި ކުންފުންޏެކެވެ. އެކުންފުނީގައި އާއްމުންގެ 9.5 އިންސައްތަ ޙިއްސާ އޮންނައިރު، ބާކީ 90.5 އިންސައްތަ ހިއްސާއަކީ ޤަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ޙިއްސާއެވެ.