ޚަބަރު

ފަހުން އެކުލަވާލި އެއްބަސްވުމާއި އެއްގޮތަށް އައިލެންޑް އޭވިއޭޝަނުން އަންނަނީ ކުލި ދައްކަމުން - އިސްލާމިކް މިނިސްޓްރީ


2019ވަނަ އަހަރުގެ އޮގަސްޓްމަހު އެއްބަސްވެފައި ވާގޮތަށް، އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ދައްކަންޖެހޭ ވަޤުފް އިމާރާތުގެ ކުލި މަހަކު އެއް މިލިއަން ރުފިޔާގެ މަގުން ގަވައިދުން ދައްކަމުންދާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިހެން ބުނެފައިވަނީ އޮޑިޓް އޮފީހުން ތައްޔާރުކުރި އިސްލާމިކް މިނިސްޓްރީގެ 2018ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އަޕްޑޭޓްނުކޮށްހުރި މަޢުލޫމާތަކާއި ގުޅިގެންނެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ދާރުލް އިމާން އިމާރާތުގެ 6 ފަންގިފިލާ އައިލޭންޑް އޭވިއޭޝަނަށް ކުއްޔަށްދިން އެއްބަސްވުމުގައި ވާގޮތަށް އެ ކުންފުނިން ކުލި ދައްކަމުން އައިސްފައި ނުވާކަމަށެވެ.

6 ފަންގިފިލާއަށް ފަސް އަހަރު ދުވަހުގެ ކުލީގެ ގޮތުގައި އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީގެ މިސްކިތު ފަންޑަށް 8 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެފައިވަނީ 16 ނޮވެމްބަރު 2016ގައެވެ. އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ތިން ދުވަސްތެރޭ 6މިލިއަން، އަދި ބާކީ ދެ މިލިއަން ރުފިޔާ، ސޮއިކުރާ ތާރީޚުން ފެށިގެން އެއްމަސްތެރޭގައި ދެއްކުމަށް ވަނީ މި އެއްބަސްވުމުގައި ބަޔާންކޮށްފައި ވެއެވެ.

ނަމަވެސް އެއްބަސްވުމާއި ޚިލާފައި ފުރަތަމަ ޕޭމަންޓެއްގެ ގޮތުގައި ދެ މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަނުން ދެއްކީ 3 އޭޕްރިލް 2018ގައެވެ. އިސްލާމިކް މިނިސްޓްރީގެ އޮޑިޓްގައިވާގޮތުން ބާކީ 6 މިލިއަން ރުފިޔާ 2018ވަނަ އަހަރު ނިމުނު އިރުވެސް އައިލެންޑް އޭވިއޭޝަނުން ދައްކާފައެއް ނުވެއެވެ.

ނަމަވެސް 2019ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ދެ އިދާރާއިން ބައްދަލުކޮށް ނުދައްކާއޮތް 6 މިލިއަން ރުފިޔާ ދައްކާނެ ގޮތާއިމެދު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން އެއްބަސްވެފައިވަނީ ސެޕްޓެމްބަރު 2019އިން ފެށިގެން 6 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 1 މިލިއަން ރުފިޔާ މިނިސްޓްރީއަށް ދެއްކުމަށެވެ. އޮޑިޓް ރިޕޯޓްގައިވާގޮތުން އައިލެންޑް އޭވިއޭޝަނުން ދައްކާފައިވަނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަސް ހިމެނޭގޮތަށް 3 މިލިއަން ރުފިޔާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ އެ އެއްބަސްވުމާއި އެއްގޮތަށް ކޮންމެ މަހަކު އެއް މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަނުން ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން އެއްބަސްވުމާއި އެއްގޮތަށް ނިމުނު ޑިސެމްބަރު މަހާއި، 2020 ޖެނުއަރީ މަހުވެސް 1 މިލިއަން ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ދައްކާފައިވާކަމަށެވެ. މިހާތަނަށް ނުދެއްކި އޮތީ ފެބްރުއަރީ މަހަށް ދައްކަން ކަންޖެހޭ 1 މިލިއަން ރުފިޔާ އެކަނިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޮޑީޓް ރިޕޯޓްގައިވާގޮތުން ދާރުލް އީމާން އިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ ތެރެއިން 2 ކުންފުނިން ގަވައިދުން ކުލި ދައްކަމުން އައިސްފައެއް ނުވެއެވެ. އެގޮތުން 2018ވަނަ އަހަރުގެ ނިޔަލަށް ހަމިލިއަން ދެލައްކަ ފަސްދޮޅަސް ހާސް ރުފިޔާ ކުލީގެ ގޮތުގައި މިނިސްޓްރީއަށް ދައްކާފައެއް ނުވެއެވެ.