ދެކުނު ކޮރެއާއިން އިސްރާއީލަށް ދަތުރުކުރި 200 މީހަކު އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ކަރަންޓީނުކުރަންއުޅޭކަމުގެ އަޑުތައް ފެތުރެންފެށުމުން އެސަރަޙައްދުގައި ދިރިއުޅޭ އިސްރާއީލުގެ ރައްޔިތުން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ. އެކަމުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންނާއި އިސްރާއީލުގެ ސިފައިންނާ ދެމެދު ހަމަނުޖެހުންހިނގާފައިވެއެވެ. ނަމަވެސް، އިސްރާއީލުގެ ރަސްމީ އިދާރާއަކުން އެކަމާގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ދެކުނު ކޮރެޔާއިން އިސްރާއީލަށް ޒިޔާރަތްކުރި ބައެއްގެ ގައިން ނުރައްކާތެރި ކޮރޯނާވައިރަސް، ކޯވިޑް-19 ފެނިފައިވާކަންވަނީ ކަށަވަރުވެފައެވެ. ނުވަ ފަތުރުވެރިންގެ ގައިގައި ވައިރަހުގެ އަސަރު ހުރިކަން އެނގުނީ އެމީހުން އަނބުރާ ދެކުނު ކޮރެޔާއަށް ދަތުރުކުރި ފަހުންނެވެ. ނަމަވެސް، އިސްރާއީލުގެ ދާޚީލީ ވަޒީރު އަރްޔޭ ދެރެ މީގެ ކުރިން ވިދާޅުވީ ދެކުނު ކޮރެޔާއާއި ޖަޕާނުން ދަތުރުކުރާ މީހުން އިސްރާއީލަށް އެތެރެވުން މަނާ ޤައުމުތަކުގެ ލިސްޓަށް އިތުރުކުރަން އަމުރުކޮށްފައިވާނެކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އެޤައުމުގެ ވެރިކަންކުރާ ތެލްއަވީވުގައި ބޭއްވި ޞިއްޙީ ވުޒާރާގެ ޚާއްޞަ ބައްދަލުވުމެއްގައިވަނީ ބައިވެރިވެވަޑައިންގެންފައެވެ. އެބައްދަލުވުމުގައި އިސްރާއީލުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެންފަށައިފިނަމަ ކަންކުރަންވީގޮތާގުޅޭ މަޝްވަރާކުރެވުނެވެ. ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިންވެސްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
ގިނަ ޢަދަދެއްގެ މީހުންގެ ގައިން ކޯވިޑް-19 ފެނިފައިވާ ކުރޫޒްލައިނަރ ޑައިމަންޑު ޕްރިންސަސްގައި ހުރި އިސްރާއީލު އަންހެނެއްގެ ގައިން ވައިރަހުގެ އަސަރު އޭނާ އެނބުރި ޤައުމަށް އައިފަހުންވަނީ ފެނިފައެވެ. ނަމަވެސް، އިސްރާއީލާއި ފަލަސްޠީނުންވެސް ބަލިޖެހިފައިވާ އިތުރު މީހަކު މިހާތަނަށް ފެނިފައެއް ނުވެއެވެ.