މާލޭ މަސް މާރުކޭޓުގައި މަހުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
މަހުގެ އަގަށް މިހާ ބޮޑު ބަދަލެއް އައިސްފައިވަނީ މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން، މަސްވެރިކަން ދަށްވުމުންކަމަށް ގިނަ މަސްވެރިން ބުނެއެވެ.
މަސް މާރުކޭޓުގައި މަސް ތިޔާގި ދުވަސްވަރު އާންމުކޮށް ކަނޑުމަހުގެ އަގު އުޅެނީ ކިލޯއެއް 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުއެވެ. އަދި ކަންނެލި ކިލޯއެއް އާންމުގޮތެއްގައި އުޅެނީ 35 ރުފިޔާއަށެވެ. އެހެންނަމަވެސް މިހާރު މަހުގެ އަގަށް އައިސްފައިވާ ބަދަލާއެކު މާރުކޭޓުން ކަނޑު މަސް ކިލޯއެއް ލިބެނީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ގިނަ މަސްވެރިން ބުނީ މިދުވަސްވަރު މަސްވެރިކަން ރަނގަޅު ނޫންކަމަށާއި މާރުކޭޓުގައި މަހުގެ އަގު އުފުލިފައިވަނީ މަސް ނުބާނާތީކަމަށެވެ. އަދި މޫސުން ގޯސްވުމާއެކު މަސްވެރިކަން ދަށްވެ، މަސް ބާނަން ވަރަށް ދުރަށް ދަތުރުކުރަންޖެހޭތީ ގެއްލުންވަމުންދާކަމަށްވެސް ބައެއް މަސްވެރިން ބުންޏެވެ.
"މިއަދު ވެސް އެހާ ދުރުން ބާނައިގެން މިއައީ ދުއިސައްތަ ކިލޯ މަސް. ދުއިސްތަ ކިލޯ މަހުން ކިހިނެތް އަޅުގަނޑުމެން ޚަރަދުތައް ހަމަޖައްސާނީ. މިދިޔަ ހަފްތާގައި ގޮދާ ހުރީ 20 ރުފިޔާއަށް ކިލޯ. މިހާރު ގޮދާ ކިލޯ ހުރީ ދެގުނަ ތިންގުނަ މަތިވެފަ. 60 އަށް މިހާރު ގޮނދާ ކިލޯއެއް ލިބެނީ. އަގުތަކަށް މިހާ ބޮޑު ބަދަލެއް އައިސްފައިވަނީ ކަނޑުގަދަވެގެން މަސް ނުބޭނޭތީ." މަސްވެރިއަކު ބުންޏެވެ.
މަސް މާރުކޭޓުގައި އަގު އުފުލިފައިވަނީ ހަމައެކަނި ކަނޑުމަހުގެ އެކަންޏެއްނޫނެވެ. ފަރުމަހުގެ އަގުތަކަށް ބަލާއިރު ފަރުމަސް ކިލޯއެއްގެ އަގުވެސް ވަނީ 45 ރުފިޔާއާއި 50 ރުފިޔާއަށް އުފުލިފައެވެ.
ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބުނާގޮތުން ކުރިއަށްއޮތް ތަނުގައި ފަރުމަހުގެ އަގު މިއަށްވުރެ ބޮޑަށް އުފުލުން އެކަށީގެންވެއެވެ.
"އަގު އުފުލެމުންމިދަނީ މަސް ނުބޭނޭތީ. ނުބޭނެންޔާ އަގު ބޮޑޫވާނެ. ބޭނެންޔާ ދަށްވާނެ. މިހާރު މިދާގޮތުން ވިއްޔާ ފަރުމަހުގެ އަގު ބޮޑުވާނެ. " މަސްވެރިޔަކު ބުންޏެވެ.
ކަނޑުމަހުގެ އިތުރުން ބަޒާރުގައި ވިއްކާ ވަޅޯމަހާއި ހިކި މަހުގެ ބާވަތްތަކުގެ އަގު ވެސް ވަނީ ކުރިއާ ބަލާއިރު ވަރަށް ބޮޑަށް އުފުލިފައެވެ. ވަޅޯމަހަށް ބަލާއިރު ކުޑަ ވަޅޯމަހެއް ކުރިން ވިއްކަމުން އައީ 35 ރުފިޔާއަށެވެ. އަދި އާދައިގެ ސައިޒުގެ ވަޅޯމަސް ވިއްކަމުން ދިޔައީ 50 ރުފިޔާއަށް މަހެއްގެ ރޭޓުންނެވެ.
އެހެންނަމަވެސް މިހާރު ކުޑަ ވަޅޯ މަހެއްގެ އަގުވެސް އުޅެނީ 50 ރުފިޔާއަށްވުރެ މަތީގައެވެ. އާދައިގެ ސައިޒުގެ ވަޅޯމަހެއް އުޅެނީ 110 ރުފިޔާ އަދި 150 ރުފިޔާއާ ދެމެދުގައެވެ. ވަޅޯމަސް މާރުކޭޓުގެ ވިޔަފާރިވެރިންވެސް ބުނަނީ މަހުގެ އަގު އުފުލިފައިވަނީ ބޭނުންވާ ވަރަށް މަސް ނުލިބުމުގެ ސަބަބުންކަމަށެވެ.
ދޭތެރެ ދޭތެރެއިން ބާޒާރުގައި މަހުގެ އަގު އުފުލުނަސް މޫސުން ރަނގަޅުވެ މަސްވެރިކަން ރަނގަޅުވުމުން މަހުގެ އަގު ހެޔޮވާނެކަމަށް މަސްވެރިން ބުނެއެވެ.