ޚަބަރު

އެމެރިކާގެ ރައީސް ޓްރަމްޕަށް އިންޑިޔާއިން ހޫނު މަރުހަބާއެއް


ރަސްމީ ދަތުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްް އިންޑިޔާއަށް ވަޑައިގެންނެވުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ސަތާރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ޓްރަމްޕާއި އޭނާގެ އަންބިކަނބަލުން މެލީނިއާ ޓްރަމްޕް އިންޑިޔާގެ އަޙްމަދުއާބާދަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަޤުތެއްގައެވެ. އެބޭފުޅުންގެ އިސްތިޤުބާލުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވައިގެ ބަނދަރުގައި ހުންނެވިއެވެ. އަދި ޓްރަމްްޕަށް މަރުޙަބާ ކިޔުމަށް ގިނަ ޢަދަދެއްގެ އިންޑިޔާގެ ރައްޔިތުންވަނީ އެއްވެފައެވެ.

ދެދުވަހުގެ ދަތުރުގައި އެމެރިކާގެ ރައީސް ބޮޑުވަޒީރު މޯދީ އުފަންވެވަޑައިގެންނެވި ގުޖުރާތުގެ އިތުރުން ވެރިރަށް ނިއު ދިއްލީއަށް ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ބޮޑުވަޒީރު މޯދީއާއެކު ރަސްމީ ވާހަކަތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އިންޑިޔާއާއި އެމެރިކާއިން މަސައްކަތްކުރަމުންދަނީ ދަތުރުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށެވެ. އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތްކުރަނީ ދެޤައުމުން ދެމެދުގައި ކުރާ ވިޔަފާރިން ނަގާ ޓެކްސްގެ ނިސްބަތް ކުޑަކުރުމަށާއި އެމެރިކާގެ ބާޒާރަށް ނެރޭ އިންޑިޔާގެ އެއްގަމު މަހާއި ކިރުގެ ބާވަތްތަކާ ގުޅޭގޮތުންނެވެ.