ޚަބަރު

ކެމްޕެއިން ދަތުރުތަކަށް ރައީސް، އަންނަމަހު އަތޮޅުތަކަށް ވަޑައިގަންނަވަނީ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެޕާޓިގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ދަތުރުފުޅުތައް އަންނަ މަހު ފަށާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސް ޕާރސަން އަފްޝަން ލަޠީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް ހިމެނިވަޑައިގަންނަވާ ކެމްޕެއިން ދަތުރުތައް އަންނަ މަހު އަތޮޅުތެރެއަށް ފަށްޓަވާނެކަމަށެވެ.

އެގޮތުން އެ ދެބޭފުޅުން ދޮރުން ދޮރަށް ކެމްޕެއިންގައި ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި، ބައެއް ރަށްރަށުގައި ޖަލްސާވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެމްޑީޕީގެ ކެމްޕެއިން ޓިމްތަކުންވެސް ދޮރުންދޮރަށް ކެމްޕެއިންގެ ހަރަކާތްތައް ފަށާނެކަމަށެވެ.

އަންނަ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚަބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އަށް ސަތޭކަ ހަތްދިހަ ހަތް ގޮނޑިއަށް ވާދަކުރުމަށް ވަނީ ފޯމް ހުށައަޅާފައެވެ.