ވިޔަފާރި

ޗާޓަރޑް އެކައުންޓަންޓުންގެ ބިލު މަޖިލީހަށް ހުށަހަޅައިފި


ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓަންޓުންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޗާޓަރޑް އެކައުންޓަންޓުންގެ ބިލަކީ ދިވެހިރާއްޖޭގެ އެކައުންޓަންސީގެ ފަންނާ ގުޅޭ ކަންކަން، ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްގެންދިއުމުގެ އުސޫލުތައް ކަނޑައަޅާފައިވާ ބިލެކެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ދިވެހިރާއްޖޭގައި ޗާޓަރޑް އެކައުންޓަންސީގެ ފަންނެއް ޤާއިމްކޮށް، އެފަންނު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި ޤާނޫނީ ޝަހުސެއް އުފައްދަންޖެހެއެވެ. އަދި އެއިންސްޓިޓިއުޓްގެ މެމްބަރުންގެ ގިންތިތައް ކަނޑައަޅައި، އެކި ގިންތީގެ މެމްބަރުންގެ ޝަރުތުތަކާއި، އެމެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި އެނޫންވެސް ކަންކަމާ ގުޅޭ އުސޫލުތައް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުން މިބިލު ހުށަހެޅުއްވި މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓަންޓުންގެ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކަކީ ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކަށް އަހުލުވެރި، އެ ދާއިރާ ތައުލީމާއި ތަމްރީން ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި ޕްރައިވެޓް ސެކްޓަރއިން އަމަލުކުރަންޖެހޭ ފައިނޭންޝަލް އެކައުންޓިންގ އަދި އޮޑިޓިންގ ސްޓޭންޑަޑްތަކާއި އެނޫންވެސް އެކައުންޓަންސީގައި އަމަލުކުރަންޖެހޭ އުސޫލުތައްވެސް މިބިލުގައި ވަނީ ހިމަނާފައެވެ.