ޚަބަރު

މަސްތުވާތަކެއްޗާއިއެކު ތިން ފިރިހެނަކު ކ. ކާށިދޫއިން ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއިއެކު ތިން ފިރިހެނަކު ކ. ކާށިދޫން ހައްޔަރުކޮށްފިއެވެ.

މި 3 ފިރިހެނުން ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކާށިދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކާށިދޫ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ކާށިދޫ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 39 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅު ވިއެވެ. މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ހައްޔަރުކޮށް، އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓު ފެނިފައިވެއެވެ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.