ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ ފުރުޞަތު މިހަފްތާގެ ބުދަ ދުވަހު އިދިކޮޅު ޕާޓީއަށް ދެއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަހަރަށް މަޖިލިސް ހުޅުވައި ދެއްވައި ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ފުރުސަތު މިދިޔަ ހަފްތާގައި ދިނުމަށް ނިންމާފައިވަނީ މިއަދު ހިނގަމުންދާ މަޖިލީހުގެ ޖަލްސައަށެވެ. ނަމަވެސް މިއަދުގެ ޖަލްސާއަށް މިމަސައްކަތް އެޖެންޑާ ކޮށްފައެއްނުވެއެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދިނުމާއި ގުޅޭގޮތުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ބަޔާނަށް ޖަވާބު ދިނުމުގެ ފުރުސަތު އަންނަ ބުދަދުވަހަށް ފަަސްކުރެވިފައިވާކަމަށެވެ. އަދި އެޕާޓީއަށް އެކަން އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވާފައި ވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަކައި މިމަހުގެ 3 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންޖެހޭ ބަޔާނެކެވެ. އަދި ރިޔާސީ ބަޔާނަށް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ޕާޓީގެ ލީޑަރު ޖަވާބުދެއްވަން ވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބެވިއިރު ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު ޕީޕީއެމްގައެވެ. އެއީ 6 މެންބަރުންނެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 65 މެންބަރުންނާއި ޕީޕީއެމްގެ 6 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ 5 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުންނާއި، މިނިވަން 3 މެންބަރުންނާއި ޑީއާރުޕީގެ 1 މެންބަރާކައި އެމްޑީއޭގެ 2 މެންބަރުންނެވެ.