މާލެއާއި އަތޮޅުތެރޭގެ ޑޮކްޓަރުންގެ ފަރަގު ކުޑަކޮށް ޑޮކްޓަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިތުރަށް މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަން މެޑިކަލް އެސޯއިއޭޝަނުން ހާމަކޮށްފިއެވެ. މީގެ އިތުރުން ޑޮކްޓަރުންނަށް ބޭނުންވާ ތަމްރީނުތަކުގެ ފުރުސަތުތައް ވެސް އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޕްލޭންތަކެއް ހަދަމުން އަންނަކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަން މެޑިކަލް އެސޯއިއޭޝަންގެ ސްޕޯކްސް ޕަރސަން ޑރ.މުޙައްމަދު އައްޒާމް ވިދާޅުވީ މާލެއާއި އަތޮޅުތެރޭގެ ޑޮކްޓަރުންގެ މެދުގައި ފަރަގު އޮންނަކަމީ އެކަމުގެ ޝަކުވާ އަބަދުވެސް އޮންނަކަމެއް ކަމަށާއި އެމައްސަލަ ޙައްލުކުރުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އައްޒާމް ވިދާޅުވީ މިމައްސަލަ ޙައްލުކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރުމަކީ މިދިޔަ ހަފްތާގައި އަލަށް އިންތިޚާބުވި މެޑިކަލް އެސޯސިއޭޝަންގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. މިމައްސަލަ ޙައްލުވުމުން މާލެއާއި އަތޮޅުތެރޭގައި ތިބި ޑޮކްޓަރުންގެ ގުޅުން ހަރުދަނާވެ ބަލިތަކާއި ގުޅޭ ގޮތުން މިހާރަށްވުރެ ބޮޑަށް މަޝްވަރާކުރެވި އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ ތަންކޮޅެއް ކޮންޓްރޮވަރޝަލް ކަމެއް. އެހެންނަމަވެސް ހަގީގަތަކީ މާލެއާއި އަތޮޅުތެރޭގެ ޑޮކްޓަރުންގެ މެދުގައި ފަރަގު އޮންނަކަން. އެކަން ހުއްޓުވުމަށް މަސައްކަތްތަކެއްވެސް ވަނީ ކުރެވިފަ.އެހެންނަމަވެސް އަޅުގަނޑުމެން އާ އެކްސްކޯގެ އަމާޒަކީ މިމަސައްކަތް އިތުރަށްކޮށްގެން ޙައްލެއް ގެނައުން." ޑރ.މުޙައްމަދު އައްޒާމް ވިދާޅުވިއެވެ.
މެޑިސިންގެ ދާއިރާއަކީ އަބަދުވެސް ކުރިއަރަމުން އާ ހޯދުންތައް ހޯދަމުން އަންނަ ދާއިރާއެއްކަމުން މިދާއިރާގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަށް ފުރިހަމަ ތަމްރީނު ލިބޭނެ މަގު ފަހިކޮށްދޭންޖެހޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އެހެންނަމަވެސް ރާއްޖޭގައި މަސައްކަތްކުރައްވާ ދިވެހި ޑޮކްޓަރުންނަށް މިފަދަ ފުރުސަތުތައް ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ އެމްއެމްއޭގެ ސްޕޯކްސްޕަރސަން ޑރ.އައްޒާމް ވިދާޅުވީ މިކަމަށްވެސް ހައްލެއް ހޯދުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އަދި އެފަދަ ފުރުސަތުތައް ޑޮކްޓަރުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރީގެ އެކްސްކޯއިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެމަސައްކަތް ފުޅާކުރުމަކީ އަލަށް އިންތިޚާބުވި އެކްސްކޯގެ އަމާޒެއްކަމަށެވެ.
ރާއްޖޭގައި ޑޮކްޓަރުންގެ ކުރިއެރުމަށް ހުރި ފުރުސަތުތައް ވަރަށް ކުޑަ. މިދާއިރާއަކީ އަބަދުވެސް ބަދަލުވެ ކުރިއަރަމުން އަންނަ ދާއިރާއެއްކަމުން ޑޮކްޓަރުންނަށް ވަރަށް ގިނަ ފްރެޝަރސް ޓްރޭނިންގ ދޭންޖެހޭނެ. އެކަމަށްޓަކާ ޑޮކްޓަރުންނަށް ތަމްރީން ދިނުމުގެ މަސައްކަތް އެމްއެމްއޭއިން ކުރާނެ." ޑރ.އައްޒާމް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގެތެރޭގައި އިންތިޚާބުވި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސަކަށް އިންތިޚާބުކޮށްފައިވަނީ އޭޑިކޭ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓެންޓް އިން ނިއުރޯ ސަރޖަރީ ޑރ.އަލީ ނިޔާފެވެ. އަދި ނައިބު ރައީސާކަށް އިންތިޚާބުކޮށްފައިވަނީ އައިޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ، ޑރ. މުޙައްމަދު ޢަލީއެވެ.
މެޑިސިން ހެދުމަށް މިހާރު ރާއްޖެއިން ބޭރުގައި ތިބި ކުދިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށާއި މިދާއިރާއިން މަތީ ތަޢުލީމު ހޯދުމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް އަލަށް އިންތިޚާބުވި މެޑިކަލް އެސޯސިއޭޝަންގެ އެކްސްކޯއިން ވިދާޅުވެއެވެ. އެގޮތުން މެޑިސިން ހަދަމުން އަންނަ ކުދިންނަށް ފަސޭހަކަމާއެކު އެމްއެމްއޭގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިނެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އާ އެކްސްކޯއިން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ކަމާ ގުޅޭ ފަރާތްތައް ގުޅިގެން ރާއްޖެއިން ފެންނަ ބަލިތަކާއި ދުޅަހެޔޮކަންމަތީ ތިބުމާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.