ވިޔަފާރި

މާލޭގައި ބަނދަރުކުރި 3 ކުރޫޒްލައިނަރގައި ތިބި މީހުން ސްކްރީންކޮށްފި


މާލެ ޞަރަޙައްދުގައި ބަނދަރުކޮށްފައި އޮތް 3 ކުރޫޒްލައިނަރގައި ތިބި ފަޅުވެރިންނާއި ފަސިންޖަރުން ކޮރޯނާ ވައިރަސްއަށް ސްކްރީންކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއީން ބުނީ ކުރޫޒްލައިނާގައި ތިބި 4594 މީހުން ކޮރޯނާވައިރަސްއަށް ސްކްރީންކޮށްފައިވާކަމަށެވެ.

އެޗްޕީއޭއިން ފުރަތަމަ ސްކްރީންކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ބަނދަރުކުރި އެމްއެސް ކޮސްޓާ ވިކްޓޯރިއާގައި ތިބި 2460 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 786 ފަޅުވެރިންނާއި 1674 ފަސިންޖަރުންނެވެ. އެޗްޕީއޭއިން ދެވަނައަށް ސްކްރީންކޮށްފައިވަނީ އެމްއެސް މާރކޯ ޕޯލޯ ނަމަކަށް ކިޔާ ކްރޫސްލައިނަރއެކެވެ. އެ ކުރޫޒްގައި ހިމެނެނީ 341 ފަސިންޖަރުންނާއި، 643 ފަޅުވެރިންނެވެ. 3 ވަނައަށް ސްކްރީންކޮށްފައިވަނީ ނޯޓިކާ ނަމަކަށް ކިޔާ ކްރޫޒްލައިނައެކެވެ. އޭގައި ތިބި 1034 މީހުން ވަނީ ސްކްރީންކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 399 ފަސިންޖަރުންނާއި، 635 ފަޅުވެރިންނެވެ.

އެޗްޕީއޭއީން ބުނީ ކޮރޯނާ ވައިރަހާ ގުޅިގެން އައިސޮލޭޓްކޮށްގެން ފަރުވާ ދިނުމަށް، ނުވަތަ ކަރަންޓީން ކްރައިޓީރިއާއަށް މި 3 ކްރޫސްލައިނަރގައި ތިބި އެއްވެސް ފަސިންޖަރަކު ނުފެތޭކަމަށެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރާނާ ވައިރަހާ ގުޅިގެން ރާއްޖެއަށް އެ ވައިރަސް އަޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން އެއަޕޯޓްތަކާއި ޕޯޓްތަކުގައި ތާމަލް ކެމެރާގެ އެހީގައި ރާއްޖެ އަންނަ މީހުން ސްކްރީންކުރަމުން ގެންދެއެވެ. އަދި މިކަމަށް ތައްޔާރުވުމުގެ ގޮތުން މި ބަލި ހުރި ނުވަތަ ޝައްކުކުރެވޭ މީހުން އެކަހެރިކުރުމަށްޓަކައިވެސް ވަނީ ކަރަންޓީން ފެސިލިޓީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން މިހާރު އައިޖީއެމްއެޗްގައިވެސް ވަނީ ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.