ވިޔަފާރި

ގއ. ވިލިނގިލީގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި


ގއ. ވިލިނގިލީގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.

ގއ. ވިލިނގިލީގައި ރަސްމީކޮށް ބިޒްނަސް ސެންޓަރ ހުޅުވައިދެއްވީ ގއ.ވިލިނގިލީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލްއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ ދަށުން ހިންގާ މި ބިޒްނަސް ސެންޓަރުތަކަކީ ރަށްރަށުގައި ހިންގާ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ ސެންޓަރުތަކެވެ.

މި ސެންޓަރުތަކާއެކު ރަށްރަށުގައި ތިބި ކުދި ވިޔަފާރިވެރިންނަށް ލޯނު ހޯދުމަށް ބިޒްނަސް ސެންޓަރުތަކުން އެހީތެރިވެދޭނެއެވެ.

ގއ. ވިލިނގިލީގައި އަލަށް ބިޒްނަސް ސެންޓަރެއް ޤާއިމްކޮށްފައިވާއިރު މިއަހަރުގެ ތެރޭ އިތުރު 5 ބިޒްނަސް ސެންޓަރު ހުޅުވާނެކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވަނީ ވިދާޅުވެފައެވެ.

ވިލިނގިލީގައި ހުޅުވާފައިވާ ސެންޓަރުގެ އިތުރުން ބީސީސީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 7 ބިޒްނަސް ސެންޓަރު ހިންގަމުން އެބަދެއެވެ. އެއީ މާލޭގައި ހުންނަ ބިޒްނަސް ސެންޓަރުގެ އިތުރުން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ބިޒްނަސް ސެންޓަރެވެ.

މި ބިޒްނަސް ސެންޓަރުތަކުން ދަނީ، އެ ސެންޓަރެއް ހުންނަ ސަރަޙައްދުގެ ރަށްރަށުގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެކި ކަހަލަ އެހީތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ވިޔަފާރިއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އާންމުންނަށް ހިންގާ ވޯކްޝޮޕްތައް ސެންޓަރުގައި ކުރިއަށްދާނެއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ 2017 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއި، 50 މިލިއަން ރުފިޔާގެ ރައުސްމާލަކާއެކު މި ކޯޕަރޭޝަން އުފެއްދީ ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކޮށް ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުގެ ހިންގުން ބިޒްނަސް ކޯޕަރޭޝަންގެ ދަށަށް ގެނެސް މި ސެންޓަރުތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަޤުސަދުގައެވެ.

މި ސެންޓަރުތަކާއެކު ރަށްރަށުގައި ތިބި ކުދި ވިޔަފާރިވެރިންނަށް ފަންނީ އެހީތެރިކަމާއި ލޯނު ހޯދުމަށް ބިޒްނަސް ސެންޓަރުތައް މެދުވެރިވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.