ޚަބަރު

ހޮސްޕިޓަލުގެ ޚިދުމަތާއި މެދު ޝަކުވާއެއް އޮތްނަމަ އެކަން ހުށައެޅޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި: އައިޖީއެމްއެޗް


އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެއްވެސް މުޢައްޒަފަކާއި މެދު ޝަކުވާއެއް އޮތްނަމަ ނުވަތަ މުޢައްޒަފަކު ޢަމަލުކުރި ގޮތަކާއިމެދު ސުވާލު އުފެދޭނަމަ ހޮސްޕިޓަލް ނުވަތަ ކަމާބެހޭ އިދާރާއެއް މެދުވެރިކޮށް އެކަންކަން ބެލޭނެ ފުރިހަމަ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން މިހެން ބުނެފައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރެއްގެ ޤާބިލުކަމާއި މެދު ސުވާލު އުފައްދައި މީހަކު ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯއަކާއި ގުޅިގެން އެކަމާއި ގުޅޭ ގޮތުން ނެރުއްވި ބަޔާނެއްގައެވެ.

އައިޖީއެމް ހޮސްޕިޓަލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އަދި އެހެނިހެން ސިއްޙީ އެހީތެރިންނަކީ ބައިނަލްއަޤްވާމީ މިންގަނޑުތައް ޤަބޫލުކުރާ ތަޢުލީމާއި ތަމްރީންތައް ފުރިހަމަކޮށްފައިވާ ބައެއްކަމަށެވެ. އަދި އެމީހުންނަނީ ރާއްޖޭގެ ކަމާއިބެހޭ ކައުންސިލްތަކުންދޭ އިމްތިހާނުތަކާއި، އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް، މި ކައުންސިލްތަކުގައި ރެޖިސްޓްރީވެފައިވާ ޤާބިލު ފަންނީ މުޢައްޒަފުންކަންވެސް ފާހަގަކޮށްފައިވެއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޑޮކްޓަރުން ދޭ ބައެއް ޚިދުމަތްތައް ދިނުމުގައި އެކަމަކާއި ގުޅޭ ޑޭޓާބޭސްތަކާއި، ސޮފްޓްވެއަރތައް ބޭނުން ކުރާކަމަށެވެ. ޚާއްސަކޮށް ބޭސް ދިނުމުގައި ޑޯޒް ކަލްކިއުލޭޝަން ކަށަވަރުކުރުމަށް މިފަދަ ސޮފްޓްވެއަރތައް ބޭނުންކުރާކަމަށާއި، މިއީ އެއްގޮތަކަށްވެސް އެ ޑޮކްޓަރެއްގެ ޤާބިލުކަމާއިމެދު ސުވާލު އުފެދޭ ކަމެއް ނޫންކަމަށެވެ. އަދި މިއީ ފަރުވާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރާ އިތުރު މަސައްކަތެއްގެ ގޮތުގައި ހޮސްޕިޓަލުން ފާހަގަކުރާ ކަމަށާއި އަދި އެއީ ހޮސްޕިޓަލުން ތަރުޙީބުދޭ ކަމެއްކަމަށްވެސް އައިޖީއެމް ހޮސްޕިޓަލްގެ ބަޔާނުގައިވެއެވެ.

އައިޖީއެމްއެޗުން ވަނީ ހޮސްޕިޓަލްގެ ކޮންސަލްޓަންސީ ރޫމްފަދަ ތަންތަނުގައި ފޮޓޯ ނެގުންފަދަ ކަންކަން ކުރުމަކީވެސް މަނާ ކަމެއްކަމަށް ފާހަގަކޮށްފައެވެ. އަދި ހޮސްޕިޓަލްގެ މުވައްޒަފުންގެ މަސައްކަތާއި، މުއައްޒަފުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ އެއްވެސް ޢަމަލެއް ހޮސްޕިޓަލުން ބަލައި ނުގަންނާނެކަމަށާއި، އެ ފަދަ ކަންކަމަށް ފިޔަވަޅުއެޅުމަށް ފަސް ނުޖެހޭނެކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.