ޚަބަރު

ޖަލްސާއަށް ދިޔަ މީހުން މަދުވީ މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން: ރައީސް ނަޝީދު


ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗްކުރުމަށް ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި މީހުން މަދު ކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު އޭގެ ސަބަބުތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފިއެވެ.

އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަކަށް ހައްލު ނުގެނެވި އެބަހުރި ކަމަށެވެ. އެގޮތުން ދެ ކަމެއް މައިގަނޑު ގޮތެއްގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެއް ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ކުރީ ސަރުކާރުން 7000 ފްލެޓް ދިން ގޮތާމެދު މީހުން ހިތްހަމަ ނުޖެހިގެން ހުށައެޅި ޝަކުވާތަކަށް އަދި އޮތީ ހައްލު ނުލިބިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

" ފްލެޓް ކޮމެޓީއެއް އެ ގެންދަނީ ބަލަމުން ދިރާސާ ކުރަމުން. ކޮމެޓީން މިހާރު ބުނެފައި އޮތް ގޮތުގައި 2000 މީހުންގެ ނަން މިހާރު ވަނީ ސައްހަކުރެވޭ ވަރަށް ސާފުކުރެވިފައި. ދެން އަނެއް 5000 އަށްވީ ކިހިނެތް ތޯ އާއި އެކަން ކުރަމުން ގެންދާނީ ކިހިނެތްތޯ، އެއީ މާލޭ ރައްޔިތުންގެ ކަންބޮޑުވުމެއް. އަދި މާލޭ ރައްޔިތުންގެ މި ޕާޓީއާއިވެސް އަދި ސަރުކާރާވެސް ވާހަކަ ދައްކަން ބޭނުންވާކަމެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓުން އެންމެ ބޮޑަށް ކޮށްދޭނެ ކަމަކީ އެ ވާހަކަ ސަރުކާރާ ދައްކަމުން ގެންދިއުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެން ފާހަގަ ކުރެއްވީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި މާލޭ މަގުތައް އެއްޗިހި ދުއްވާ އުޅުމަށް ދިމާވެފައިވާ ދަތިތައް ހުރުމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ފަރާތުން ވެސް އައިސްފައިވެ އެވެ.

އެހެން ނަމަވެސް މާލޭ ރައްޔިތުންގެ އުއްމީދުކުރާ މިންވަރަށް ކަންކަން އަދި ފުރިހަމަ ވެފައި ނެތަސް އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭނެ ބަޔަކީވެސް އެމްޑީޕީ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްގު މިންވަރު ހޯދައިދޭނެ ބަޔަކީ އެމްޑީޕީ ކަމަށާއި އެކަން ކުރުމަށް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުންކުރި މަސައްކަތަކީ ރަނގަޅު ޝަރުއީ ނިޒާމެއް ގާއިމު ކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އަދުލު އިންސާފު ނުލިބި ލަސްވި ނަމަވެސް އަދުލު އިންސާފު ހޯދައި ދިނުމަށް ތަރުތީބުވާންޖެހޭ އިންތިޒާމްތައް ހަމަޖައްސައިދެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ވައުދެއް ނޫން މިނިމަމްވޭޖް އެއީ. ޕީޕީއެމް އިން ރިސޯޓް މުވައްޒަފުންނާ ގުޅުވައިގެން ގެންގުޅުނު ސިޔާސަތަކީ ހިއްސާދިނުން. ކޮބައިތޯ ދެއްވި ހިއްސާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަން ކުރާ އެމްޑީޕީން ކާނިވާ ސަރައްދުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގެންނެވި އެވެ.

އަދި އެއް ވަގުތެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޖަލްސާ އެވަގުތު ވަނީ ބާއްވާފައި އެވެ.