ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތް ކުރުމަކީ ވަކި ބައެއްގެ ޒިމާއެއްގެ ގޮތުގައި ނުދެކި، އެއްމެން އެކުގައި އެކަމަށް މަސައްކަތް ކުރަންޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ "ވަރކލްޑް ތިންކިންގ ޑޭ" ފާހަގަކުރުމަށް ގައިޑުން ކުރިއަށްގެންދިޔަ ހަރަކާތް ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"ވަރލްޑް ތިންކިންގ ޑޭ" ފާހަގަކުރުމަށް ގަރލްގައިޑް އެސޯސިއޭޝަނުން ކުރިއަށްގެންދާ ހަރަކާތް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މިދުވަހުގެ ޝިއާރުކަމަށްވާ "ލިވިނގ ތްރެޑް"އަކީ މުޅި މުޖުތަމަޢުވެސް އެއިން މިސާލު ލިބިގަންނަންޖެހޭ ކަމެއްކަމަށެވެ. މި ދުވަހުގެ ޝިއާރުގެ ގޮތުގައި ފާހަގަކުރަނީ ބައިބައިވުމުގެ ބަދަލުގައި އެންމެން އެކަތިގަނޑަކަަށްވެ މަސައްކަތް ކުރުމުގެ މުހިންމުކަމެވެ.
މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކުޑަކުދިންނާއި ގުޅޭ ޙައްގުތައް ޙިމާޔަތްކުރުމުގައިވެސް ބޭނުން ވަނީ މުޅި މުޖުތަމަޢު އެކަތިގަނޑަކަށްވުން ކަމަށެވެ. މިކަމަކީ ހަމައެކަނި މިނިސްޓްރީން ކުރެވޭނެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި މިިނިސްޓަރ ވިދާޅުވީ، މުޖުތަމަޢުގެ ކޮންމެ ގިންތިއެއްގެ މީހުންގެވެސް އެއްބާރުލުން މިކަމުގައި ބޭނުންވާކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ތާފާތު ކުއްޖެއްކަމާއި، އެކަން ދެނެގަނެ، އެކަމަށް އިޙްތިރާމްކުރުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.
މިދިޔަ ހަފްތާގައި ޢަމަލުކުރައްފެށި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ޤާނޫނު ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ ހިއްސާ ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"ކުދިންގެ ޙިމާޔަތްކުރުމުގައި ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބަވޭ. އެމީހެއްގެ ޒިންމާ އެމީހަކަށް އިންގެންޖެހޭ، އެއަށް ޢަމަލުކުރަންޖެހޭ. އެއީ ސަރުކާރުވިއަސް،. ބެލެނިވެރިންވިއަސް ސްކޫލްތައްވިއަސް އަދި ކުއްޖާގެ ރައްކާތެރިކަމަށް އެކުއްޖަކަށް ޢަމިއްލަައަށް ކުރެވޭނި ކަންކންވެސް ދެނެގަތުން މުހިންމު." މިނިސްޓަރ ވިދާޅުވިއެވެ.
"ވަރލްޑް ތިންކިންގ ޑޭ"އަކީ 1926ވަނަ އަހަރުން ފެށިގެން ގައިޑުންނާއި ގަރލް ސްކައުޓުން ހިމެނޭހެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
މި ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ އަންހެން ކުދިން ދިރިއުޅުމުގެ މައިދާނަށް ނިކުންނައިރު، ކޮންމެހެން އެނގުން މުހިންމު ހުނަރުތައް ދަސްކޮށްދިނުމާއި އެކަންކަމަށް ހޭލުންތެރި ބަޔަކަށް ހެދުމެވެ.
މި ހަރަކަތް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ގަރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީޤް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ކުދިންނަށް މުޖުތަމަޢުގެ ހަމަހަމަކަމާއި، ބާކީ ނުކުރުމާއި، އަދި ކޮންމެ މީހަކީވެސް ތަފާތު މީހެއްކަން ދަނެ އެގޮތަށް ޢަމަލުތައް ބަހައްޓާނެ ރީތި އާދަތައް ދަސްވާނެކަމަށެވެ.
"ޕްރޮގްރާމްގެ ތެރެއިން އަބަދުވެސް މަސައްކަތްކުރަނީ އަންހެނުންނަށް ދިމާވާ ކޮންޖެހުންތަކަށް ޚައްލުހޯދޭނީ ކޮންގޮތަކުންތޯ ކިޔައިދިނުމަށް. މުޖުތަމަޢުގައި މިހުރި ތަފާތުތައް ބަލައިގަންނާނެގޮތް. މި ދަސްވާ ކަންކަން އެހެން މީހުންނަށް ކިޔައިދިނުމާއި، އަދި އެކަންކަން ދިރިއުޅުމުގައި ބޭނުންކުރާނި ގޮތްތައް ކިޔައިދެން." ނިއުމަތު ޝަފީޤް ވިދާޅުވިއެވެ.
"ވަރލް ތިންކިންގް ޑޭ"ގެ ހަރަކާތްތައް ކުރިއަށްގެންދަނީ ގޭމްތަކާއި، އަދި އެކިއެކި ހަރަކާތްތަކުގެ ތެރެއިން ކުދިންނަށް މިކަމާއި ގުޅޭ މަޢުލޫމާތު ލިބޭގޮތަށެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި އޮތް ހަރަކާތުގައި 16 ސްކޫލަކުން ބައިވެރިވެއެވެ.
މި ހަރަކާތުގައި 4300 އަށްވުރެ ގިނަ ކުދިން ބައިވެރިވެއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ވަރލްޑް ތިންކިންގ ޑޭގެ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.