ޚަބަރު

ކަސްޓަމްސްގެ އަހަރީ ދުވާހާއި ގުޅިގެން "އީދު ހަދިޔާ ދިނުން"


ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އީދު ހަދިޔާ ދިނުމުގެ  ހަރަކާތެއް ބާއްވައިފިއެވެ.ކަސްޓަމްސްއަށް 125 އަހަރުފުރުމާއި، ބަރަކާތްތެރި ފިތުރުއީދާ ގުޅުވައިގެން "އީދު ހަދިޔާ ދިނުން" މިނަމުގައި ޚާއްޞަ ހަރަކާތެއް ބާއްވާފައިވަނީ، އިއްޔެ ހަވީރު 4 ން 6 އަށް މާލޭގެ އެކި ސަރަހައްދުތަކުގައެވެ.މި ހަރަކާތުގައި 1500 އަށްވުރެ ގިނަ ކުޑަކުދިންނަށް ހަދިޔާ ބަހާފައިވެއެވެ.  މީގެ އިތުރުން މި ހަރަކާތުގައި ކަސްޓަމްސްގެ 125 އަހަރާ ގުޅުވައިގެން ޒީނަތްތެރިކުރެވިފައިވާ ޕިކަޕެއްގައި ދުވަހާގުޅޭ ޝިޔާރުތައް ފާޅުކުރުމާއި މާލެ ވަށައި ބުރެއްޖެހުންވެސް ވަނީ ބާއްވާފައެވެ. އަދި ކުޑަކުދިންގެ ބާގީޗާއާއި އާޓިފިޝަލް ބީޗް ފަދަ ކުޑަކުދިން އެއްވާ ތަންތަނަށް ކަސްޓަމްސްގެ މުވައްޒަފުން ޒިޔާރަތްކޮށް އެކުދިންނާއެކު އެކި ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. ކަސްޓަމްސްއަށް 125 އަހަރު ފުރުމާ ގުޅިގެން މުޅި އަހަރު ދުވަހަށް ބަހާލައިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން މިމަހުގެ ތެރޭގައި ފުޓްސެލް މުބާރަތަކާއި، ޤުރުއާން މުބާރާތެއް އަދި ދީނީ ނަސޭހަތްދިނުން ބާއްވާފައިވެއެވެ.މީގެ އިތުރުން ކުރިއަށް ތަފާތު އެކި ހަރަކާތައް ބޭއްވުމަށް ރާވާފައިވާކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.ކަސްޓަމްސްގެ 125 އަހަރީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ އަންނަ އޮގަސްޓްމަހުގެ 27 ވަނަދުވަހުކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.