ޚަބަރު

ކައުންސިލް އިންތިޚާބްގެ ކެމްޕެއިން އެމްޑީޕީން މިރޭ ފަށަނީ


ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބްގެ ކެންޕެއިން ރަސްމީކޮށް މުޅި ރާއްޖޭގައި އިފްތިތާހުކުރުން މިރޭ ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

ކައުންސިލް އިންތިޚާބްގެ ކެންޕެއިން އެމްޑީޕީން ރަސްމީކޮށް ފެށުމަށް ބާއްވާ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރު ވިދާޅުވީ މި ހަރަކާތަކީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކޮންމެ ރަށެއްގައި އަދި ކޮންމެ ދާއިރާއެއްގައި ކުރިއަށްދާނެ ޙަރަކާތެއްކަމަށެވެ. ކެންޕެއިން ލޯންޗުކުރުމުގެ ގޮތުން ކޮންމެ ރަށެއްގެވެސް ކަނޑައަޅާ ސަރަހައްދެއްގައި ޚާއްސަ ޖަލްސާއެއް ބާއްވާއިރު މިޖަލްސާތަކުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމީކޮށް ކެމްޕެއިން ލޯންޗުކުރުމަށް ބާއްވާ މިޙަރަކާތުގެ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމްޑީޕީގެ ރައީސް، ރައިސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ބާއްވާ ޖަލްސާތަކުގައި އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅުންނާއި، ޕާލިމަންޓް މެމްބަރުންނާއި، ދައުލަތުގެ ވަޒީރުންވެސް ބައިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ހިންގި، ޕޯސްޓަރު ހަރުކުރުމުގެ ޙަރަކާތުގައި ބައިވެރިވެ ވަޑައިގެން މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުނ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ދިން އަޣުލަބިއްޔަތަށްވުރެ ބޮޑު އަޣްލަބިއްޔަތެއް ކައުންސިލް އިންތިޚާބުގައި ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.

ލޯކަ؛ް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭއިރު 16 ގޮނޑިއަކަށް ފިޔަވާ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރާކަން އެޕާޓީން ވަނީ އިޢުލާންކޮށްފައެވެ.