ވިޔަފާރި

ވިޔަފާރިތައް ކުރިއެރުމުގައި ކަސްޓަމްސްގެ ދައުރު ބޮޑު


އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއެރުވުމުގައި ކަސްޓަމްސްއަށް ހޯދިފައިވާ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ވިޔަފާރިވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދެއްވުން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޕަބްލިކް ސާރވިސް މީޑިއާ، ޕީ.އެސް.އެމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢައްބާސް އާދިލް ރިޒާ ވީދާޅުވީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ކަސްޓަމްސްގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. 2010 ވަނަ އަހަރާއި ހަމައަށް ދައުލަތަށް އެންމެ ގިނަ އާމްދަނީ ވަންނަ އެއް މުއައްސަސާއަކީ ކަސްޓަމްސްއެވެ. ނަމަވެސް ރާއްޖެއަށް ޓެކްސްގެ ނިޒާމް ތަޢާރަފުވުމާއި ގުޅިގެން ކަސްޓަމްސްގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، ވިޔަފާރިވެރިންނަށް ލުއިފަސޭހަކަމާއެކު މުދާ އެތެރެކޮށް، ވިއްކޭނެފަދަ މާހައުލެއް ޤާއިމުކުރުން ވެގެންދިޔައީ އެ މުއައްސަސާއަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ކޮމިޝަނަރ ވިދާޅުވީ، ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާ އަންނަ އޮގަސްޓް މަހުގެ ހަތާވީސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޖަލްސާގައި ކަސްޓަމްސްގެ ފާއިތުވި ދިގު މާޒީގައި އެ މުއައްސަސާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ މުއައްސަސާއަށް ރީތި ނަން ހޯއްދަވާދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ކަންތައްތަކެއް ފެނިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތަށް އެންމެ އިޚްލާސްތެރި، ރަނގަޅަށް މަސައްކަތްކުރާ އޮފިސަރުންނަށް ޚާއްސަކޮށްގެން ކުލަ ބެޖްތަކެއް ތަޢާރަފުކުރުމަށް ނިންމަވާފައިވާކަމަށްވެސް އައްބާސް އާދިލް ރިޒާ ވިދާޅުވިއެވެ. ކަސްޓަމްސްއަށް 125 އަހަރު ފުރުމާއި، ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާއި ގުޅުވައިގެން އެ މުއައްސަސާއިން ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުން. އެގޮތުން މި ހަރަކާތްތައް މުޅި އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.