ޅ .އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް އަމާޒުކޮށްގެން "ހަރުކަށި ފިކުރު ހުއްޓުވުމުގައި ތަޢުލީމީ ދާއިރާގެ އިސްވެރިންގެ ދައުރު" މިނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިމަސައްކަތު ބައްދަލުވުމަކީ، ހަރުކަށި ފިކުރާ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކާ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރިއަށްގެންދިއަ ޕްރޮގްރާމެކެވެ. ޅ.އަތޮޅު ނައިފަރު މަދަރުސަތުލް އިފްތިތާހްގައި ބޭއްވި މިބައްދަލުވުން އިފްތިތާޙުކޮށްދެއްވާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލް މޫސާ ނަޢީމު ދެއްކެވި ވާހަކައިގައި މިމަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމްއެންޑީއެފް ސަދަން އޭރިއާ އާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގި ޕްރޮގްރާމެކެވެ. އެއްދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެންސީޓީސީ އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގެ ޑެޕިއުޓީ ވައިސްޗާންސެލާރ އެކްޑެމިކް އެފެއާޒް ޑރ. ސައުދުﷲ ޢަލީއެވެ. މި ފަހަރުގެ ޕްރޮގްރާމްގައި ޅ.އަތޮޅުގެ 4 ސްކޫލަކުން 33 ބޭފުޅުން ބައިވެރިވިއެވެ.
ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން މިސިލްސިލާ މަސައްކަތް ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި “ގްރޭޓަރ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅުގެ ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށްވަނީ ހިންގާފައެވެ.