ޚަބަރު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 10 ބުރީގެ އައު އިމާރާތެއް އަޅަނީ


އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 10 ބުރީގެ އައު އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ނާސަރީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ރާއްޖޭގެ ހަމައެކަނި ސްކޫލެވެ.

އަހުމަދިއްޔާ ސްކޫލަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙާއްސަ އެސެމްބްލީގައި ވާހަކަދައްކަވަމުން، އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވަނީ 1982 ވަނަ އަހަރު އެ ސްކޫލް މައްޗަންގޯޅިއަށް ޙާއްސަ ސްކޫލެއްގެ ގޮތުން ތަޢާރަފްވެގެން އައުމުންފެށިގެން މިއަދާއި ހަމައަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިއަދު އަހުމަދިއްޔާ އިންޓަނެޝާނަލް ސްކޫލަކީ ރާއްޖޭގެ އެންމެ ނަތީޖާ ރަނގަޅު އެއް ސްކޫލެއްކަން މުޙައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.

އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވަނީ އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އިތުރު ބިމެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުނަމަވެސް މި މަސައްކަތް މިއަދާއިހަމައަށްވެސް ކާމިޔާބުވެފައިނުވާކަން މުޙައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ހައްލުހޯދުމަށް ސްކޫލްގެ ބައު ކްލާސް ރޫމްތައް ހުރި ބިލްޑިންގް ހުރި ތަނުގައި 10 ބުރީގެ އައު އިމާރާތެއް އިމާރާތްކުރުމަށް ނިންމާފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން. މި މައްސަލަ ހައްލުކުރުމަށް އިތުރު ބިމެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުނަމަވެސް މި މަސައްކަތް މިއަދާއިހަމައަށްވެސް ކާމިޔާބުވެފައިނުވޭ. މި މައްސަލައަށް ހައްލުހޯދުމަށް ސްކޫލްގެ ބައު ކްލާސް ރޫމްތައް ހުރި ބިލްޑިންގް ހުރި ތަނުގައި 10 ބުރީގެ އައު އިމާރާތެއް އިމާރާތްކުރުމަށް ވަނީ ނިންމާފަ. މި މަސައްކަތުގެ ޕޭޕަރވޯކްސްތައް މިހާރު ކުރަނީ." އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

21 ފެބްރުއަރީ 1982ގައި މަދަރުސަތުލް އަހުމަދިއްޔާގެ ނަމުގައި ހުޅުވި މި ސްކޫލް އިންޓަނޭޝަންލްކޮށް، ތަޢުލީމް ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެ ސްކޫލްގެ ކްލާސްރޫމްތައް އެންމެ ފަހުން އިތުރުކޮށްފައިވަނީ ސްކޫލް އިންޓަނޭޝަނަލް ކުރަން ކުރި މަސައްކަތުގެ ތެރެއިންނެވެ. އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މިހާރު 4 ފަންގިފިލައާއި 5 ފަންގިފިލާގެ ދެ ބިލްޑިންގްގައި 37 ކްލާސްރޫމްގައި ކިޔަވައިދެއެވެ.